ސްޕެނިޝް ފެޑެރޭޝަނުން ރެއާލަށް ފާޑުކިޔައިފި

މެޑްރިޑް (ޖޫން 13) - ރެއާލް މެޑްރިޑުން އެ ޓީމުގެ ކޯޗަކަށް ސްޕެއިން ގައުމީ ޓީމުގެ ކޯޗު ޖޫލިއަން ލޮޕެޓީގު ހަމަޖެއްސިކަން އިއުލާންކުރި ވަގުތު އެންމެ ރަނގަޅު ނޫން ކަމަށް ބުނެ ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުގެ ޗީފް ރަފައެލް ޑެލް އަމޯ، ރެއާލަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.


ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގުގެ ތަށި ރެއާލާ އެކު އުފުލާލުމަށް ފަހު ކުއްލި ގޮތަކަށް ރެއާލްގެ ކޯޗުކަން ޒިނެދިން ޒިދާން ދޫކޮށްލުމުން އެ ޓީމުން ކޯޗެއް ހޯދުމުގެ މަސައްކަތް ފެށި އެވެ. ވޯލްޑް ކަޕް ފެށެން ދެ ދުވަހަށް ވެފައި އޮއްވައި ރޭ ރެއާލުން ވަނީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ލޮޕެޓީގު އެ ޓީމުގެ ކޯޗަކަށް ހަމަޖައްސައިފަ އެވެ.

"މިއީ އެކަން ކުރަން (ލޮޕެޓީގު ރެއާލާ ހަވާލުވިކަން އިއުލާންކުރަން) އެންމެ ރަނގަޅު ވަގުތެއް ނޫން. ލޮޕެޓީގަށް އެނގޭނެ މީގެ ސަބަބުން ވަރަށް ބޮޑެތި މައްސަލަތަކެއް އުފެދޭނެ،" ޑެލް އަމޯ ވިދާޅުވި އެވެ.

ޑެލް އަމޯ ވަނީ ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒަށް ތުހުމަތުތަކެއް ވެސް ކުރައްވައިފަ އެވެ.

"ރެއާލަށް ވެސް އެނގޭނެ މިއީ ގޯސް ވަގުތެއްކަން. ކްލަބް ވާދަވެރިކަން އޮންނަ ގައުމެއްގައި ބޮޑު މުބާރާތެއް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި އޮއްވައި މިއީ އެންމެ ރަނގަޅު ކަމެއް ނޫން ރަސްމީ ސިފައެއްގައި ކުރަން. އަހަރެންގެ ނަޒަރުގައި ރެއާލުގެ ރައީސް (ޕެރޭޒް) މިކަން ކޮށްފައިވަނީ ލޮޕެޓީގަށް ޕްރެޝަރުތަކެއް ކުރުވައިގެން،" ޑެލް އަމޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރެއާލުން ލޮޕެޓީގު ގެންދިއުމަކީ މައްސަލައެއްގެ ގޮތުގައި ނުދެކޭ ކަަމަށާއި ވޯލްޑް ކަޕް ފަހުން އެކަން ކުރިއަށްގެންދިޔަނަމަ އެއީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

އެންމެ ފަހުން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ސްޕެއިން ކެޓިއިރު، އޭގެ ފަހުން އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް ސްޕެއިން އަށް ރަނގަޅު ކާމިޔާބެއް ނުލިބެ އެވެ. މި ފަހަރުގެ މުބާރާތުގައި ލޮޕެޓީގު އަމާޒުހިފާފައިވަނީ ސްޕެއިނަށް ދެ ވަނަ ފަހަރަށް ވޯލްޑް ކަޕް ހޯދައިދިނުމަށެވެ.