"ޔަގީން ނުވަންޏާ ދިދަ ނުނަގާތި"

މޮސްކޯ (ޖޫން 13) –ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އަށް ރަނގަޅު ނިންމުން ނިންމަން ފުރުސަތު ދިނުމުގެ ގޮތުން، އޮފްސައިޑްކަން އެއްކޮށް ކަށަވަރުނުވާ ހާލަތްތަކުގައި ދިދަ ނުނަގަން ވޯލްޑް ކަޕުގެ އެސިސްޓަންޓް ރެފްރީންނަށް ފީފާ ރެފްރީސް ކޮމިޓީގެ ޗެއާމަން ޕިއަރްލުއިޖީ ކޮލީނާ އަންގައިފި އެވެ.


މި ފަހަރުގެ ވޯލްޑް ކަޕުގައި ފުރަތަމަ ފަހަރަށް ވީއޭއާރް ބޭނުންކުރަން ވަނީ ނިންމައިފަ އެވެ. ވީއޭއާރް އަކީ ވީޑިއޯ ރީޕްލޭ މެދުވެރިކޮށް ރެފްރީ އާއި އެސިސްޓަންޓް ރެފްރީންގެ ނިންމުންތައް ބެލޭ ސިސްޓަމެކެވެ. އެގޮތުން މެޗުގައި ހިނގި ކަމަކާ މެދު ސުވާލެއް އުފެދިއްޖެ ނަމަ ނުވަތަ ސުވާލެއް އުފައްދައިފި ނަމަ ވީޑިއޯ ބަލައިގެން އެ ނިންމުން ނިންމަން ނުވަތަ އަލުން ނިންމަން ފުރުސަތު ލިބޭނެ އެވެ.

"ބައެއް އެސިސްޓަންޓް ރެފްރީން ދިދަ ނަގާތަން ނުފެންޏާ، އެއީ އޭނާ ގޯހެއް ހަދަނީކީ ނޫން. އެއީ ދިދަ ނުނަގަން އޭނާ އަށް އަންގާފައިވާ އެންގުމަށް އިހުތިރާމްކުރަނީ،" ކޮލީނާ ބުންޏެވެ.

އޭނާ ބުނީ ވަރަށް ރަނގަޅު ހަމަލައެއް އުފައްދަނިކޮށް ޔަގީންނުވާ ހާލަތެއްގައި އެސިސްޓަންޓް ރެފްރީ ދިދަ ނަގައިފި ނަމަ ހުރިހާ ކަމެއް ހުއްޓޭނެ ކަމަށެވެ. އެކަމަކު އެ ހާލަތުގައި އޭނާ ދިދަ ނުނަގައިފި ނަމަ، ވީޑިއޯ ރީޕްލޭ ބޭނުންކޮށްގެން ބަލައި އެއީ އޮފްސައިޑަކަށް ވާ ނަމަ ގޯލް ކެންސަލްކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އަދި އޮފްސައިޑް ނޫން ނަމަ ގޯލް ބަލައިގަނެވޭނެ ކަމަށެވެ. މާނައަކީ އެއްވެސް ކޮޅަކަށް ގެއްލުމެއް ނެތުމެވެ.

ވީއޭއާރް މިހާރު ވެސް އިޓާލިއަން ލީގާއި ޖަރުމަނު ލީގު އަދި އިންގްލެންޑުގެ ބައެއް މުބާރާތްތަކުގައި ވެސް ބޭނުންކުރެ އެވެ. އަންނަ ސީޒަނުގައި ސްޕެނިޝް ލީގާއި ފްރެންޗް ލީގުގައި ވެސް ބޭނުންކުރާނެ އެވެ.