ސްޕެއިން ކޯޗުކަމުން ލޮޕެޓީގު ވަކިކޮށްފި

ވޯލްޑް ކަޕަށް ފަހު ރެއާލް މެޑްރިޑުގެ ކޯޗުކަމާ ހަވާލުވާން ސްޕެއިން ގައުމީ ޓީމުގެ ކޯޗު ޖޫލެން ލޮޕެޓީގު އިއްޔެ ނިންމުމާ ގުޅިގެން، އެކަމާ ހިތްހަމަނުޖެހިގެން ސްޕެއިން ފެޑެރޭޝަނުން އޭނާ މަގާމުން ވަކިކޮށްފި އެވެ. އޭނާ ގެޔަށް ފޮނުވާލަން ނިންމިއިރު، ވޯލްޑް ކަޕުގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗާ ދެމެދު ދެން އޮތީ 48 ގަޑިއިރެވެ.


ރެއާލާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ލޮޕެޓީގު ހަވާލުވަން ނިންމިކަން އެ ކްލަބުން އިއުލާން ކުރުމާ ގުޅިގެން ގިނަ ފަރާތްތަކުގެ ފާޑުކިޔުން އޭނާ އަށް އަމާޒުވި އެވެ. ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުގެ ޗީފް ރަފައެލް ޑެލް އަމޯ ވިދާޅުވީ މިއީ ރެއާލުން ވަރަށް ގޯސްކޮށް ކުރިކަމެއް ކަމަށާއި ލޮޕެޓީގަށް ރެއާލުގެ ރައީސް ޕެރޭޒް ޕްރެޝަރު ކޮށްފައިވާ ކަމަށެވެ.

ސްޕެއިން ފެޑެރޭޝަނުން ލޮޕެޓީގު މަގާމު ދުރުކުރަން ނިންމީ ދާދި ފަހުން 2020 ވަނަ އަހަރުގެ ނިޔަލަށް ސްޕެއިނާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް އާ ކޮށްފައިވާއިރު، ރެއާލާ އެކު އެއްބަސްވުން ހެދީ ފެޑެރޭޝަނަށް އެންގުމަކާ ނުލައި ކަމަށް ބުނެ އެވެ.

ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ލުއިސް ރުބިއާލެސް ވިދާޅުވީ މިއީ ވަރަށް ބޮޑަށް ވިސްނުމަށް ފަހު ނިންމި އުނދަގޫ ނިންމުމެއް ކަމަށެވެ.

"އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން އޭނަ (ލޮޕެޓީގު) ކުރީ. ވޯލްޑް ކަޕް ފެށެން ތިން ދުވަހަށް ވެފައިވަނިކޮށް އަހަރެމެންނަށް އެކި ގޮތްގޮތުން ޕްރެޝަރު އަންނާނެ ފަދަ ކަމެއް އޭނާ (ލޮޕެޓީގު) ނިންމީ ފެޑެރޭޝަނަށް އެއްވެސް އެންގުމަކާ ނުލައި. އޭނާ (ލޮޕެޓީގު) ކުރި މަސައްކަތްތަކަށް އަހަރެމެން ޝުކުރު އަދާކުރަން،" ރުބިއާލެސް ވިދާޅުވި އެވެ.

އުމުރުން 51 އަހަރުގެ ލޮޕެޓީގު ވަނީ މީގެ ކުރިން ސްޕެއިންގެ އެކި އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް ކޯޗުކޮށްދީފަ އެވެ. ފްރާންސްގައި 2016 ވަަނަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ވިސެންޓޭ ޑެލް ބޮސްކޭ ސްޕެއިން ކޯޗުކަން ދޫކޮށްލުމުން އެ ޓީމާ ހަވާލުވެ، ލޮޕެޓީގު ވަނީ އެ ޓީމާ އެކު ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. ލޮޕެޓީގުގެ ކޯޗުކަމުގައި ސްޕެއިން އެންމެ ފަހުން ކުޅުނު 20 މެޗުން ބަލިވެފައިނުވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ސްޕެއިން ފެޑެރޭޝަނުގެ ވިސްނުން ހުރީ މި ފަހަރުގެ މުބާރާތުގައި އެ ޓީމަށް އިރުޝާދުދޭން ސްޕެއިންގެ 21 އަހަރުން ދަށު ޓީމުގެ ކޯޗު އަލްބާޓް ސެލަޑޭސްއާ ހަވާލުކުރާށެވެ. އަދި އޭނާގެ އެހީތެރިއަކަށް ސްޕެއިންގެ ކުރީގެ ކުޅުންތެރިއާ ފެނާންޑޯ ހިއޭރޯ ގެންނާށެވެ.