ސްޕެއިނުގެ އާ ކޯޗަކަށް ހިއޭރޯ ހަމަޖައްސައިފި

ކުއްލި ގޮތަކަށް ކޯޗު ޖޫލެން ލޮޕެޓީގު ވަކިކުރުމަށް ފަހު ވޯލްޑް ކަޕުގައި ސްޕެއިން ގައުމީ ފުޓްބޯޅަ ޓީމަށް ކޯޗުކޮށްދިނުން ކުރީގެ ކެޕްޓަން ފެނާންޑޯ ހިއޭރޯއާ ހަވާލުކޮށްފި އެވެ.


މުބާރާތުގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗަށް 48 ގަޑިއިރަށް ވެފައިވަނިކޮށް ލޮޕެޓީގު ވަކިކުރީ، ވޯލްޑް ކަޕަށް ފަހު ރެއާލް މެޑްރިޑާ ހަވާލުވާން ނިންމުމުންނެވެ. ސްޕެއިން ފެޑެރޭޝަނުން ލޮޕެޓީގު މަގާމު ދުރުކުރަން ނިންމީ ދާދި ފަހުން 2020 ވަނަ އަހަރުގެ ނިޔަލަށް ސްޕެއިނާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް އާ ކޮށްފައިވާއިރު، ރެއާލާ އެކު އެއްބަސްވުން ހެދީ ފެޑެރޭޝަނަށް އެންގުމަކާ ނުލައި ކަމަށް ބުނެ އެވެ.

އާ ކޯޗު ހިއޭރޯ މިހާތަނަށް ހުރީ ސްޕެއިން ޓީމުގެ ސްޕޯޓިން ޑިރެކްޓަރަކަށެވެ. އޭނާގެ ހަމައެކަނި ކޯޗުން ތަޖުރިބާއަކީ ރެއާލް މެޑްރިޑުގެ އެސިސްޓަންޓް ކޯޗުކަމާއި އޮވިއެޑޯގެ ހެޑްކޯޗުކަމެވެ.

ހިއޭރޯ ވަނީ ސްޕެއިން ގައުމީ ޓީމަށް 1989 އިން 2002 އަށް 89 މެޗު ކުޅެދީފަ އެވެ. އޭނާ އަކީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވާދަކުރި ސްޕެއިން ޓީމުގެ ކެޕްޓަނެވެ.

ވޯލްޑް ކަޕް 2010 ވަނަ އަހަރު ކާމިޔާބުކޮށް އެކަމަކު އެންމެ ފަހުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓި ނަމަވެސް ސްޕެއިނަކީ މި ފަހަރުގެ ވެސް ފޭވަރިޓެކެވެ. ލޮޕެޓީގުގެ ކޯޗުކަމުގެ ދަށުން މިދިޔަ ދެ އަހަރު އެ ޓީމު އެންމެ މެޗަކުން ވެސް ބަލިވެފައެއް ނުވެ އެވެ. އެކަމަކު ކޯޗު ބަދަލުވެ މި ހިނގައިދިޔަ ކަންތައްތަކާ އެކު ސްޕެއިނާ މެދު ކުރަމުން އައި އުއްމީދަށް ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް ވަނީ އެޅިފަ އެވެ. އެ ޓީމު ކުޅޭ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ބައްދަލުކުރާނީ ޕޯޗުގަލާ އެވެ.