މެސީ އަށް ކުރާ އިތުބާރަށް ބަދަލެއް ނާދޭ: ކޯޗު

މޮސްކޯ (ޖޫން 16) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި މިރޭ އައިސްލެންޑާ 1-1 އިން އެއްވަރުވިއިރު، މެޗުން މޮޅުވާން ލިބުނު ޕެނަލްޓީ އާޖެންޓީނާގެ ލިއޮނަލް މެސީ އަތުން ބޭކާރުވީ ނަމަވެސް އޭނާ އަށް ކުރާ އިތުބާރަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް އާޖެންޓީނާގެ ކޯޗު ޖޯޖް ސަމްޕައޮލީ ބުނެފި އެވެ.


މެޗަށް ފަހު އޮތް ނޫސްވެރިންގެ ބަައްދަލުވުމުގައި ނޫސްވެރިން ގިނަ ސުވާލުތަކެއް ސަމްޕައޮލީ އަށް ކުރިިމަތި ކުރުވީ މެސީއާ ބެހޭގޮތުންނެވެ. މެސީއާ އެންމެ ވާދަވެރި ކުޅުންތެރިޔާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސްޕެއިން ކޮޅަށް ހެޓްރިކެއް ހެދުމުން މެސީ އަށް އެކަމުން ޕްރެޝަރެއް އޮތްތޯ ކުރި ސުވާލަށް ސަމްޕައޮލީ ޖަވާބުދޭން ބޭނުމެއް ނުވި އެވެ.

"މެސީ އަށް ދިމާވި ހުރިހާ ކަމެއްގެ ވާހަކަ ދައްކަން ފަސޭހައެއް ނޫން. މިއީ އޭނާ އަށް އެންމެ ރަނގަޅު މެޗެއް ނޫން. އައިސްލެންޑުން ކުޅުނީ ވަރަށް ބޮޑަށް ޑިފެންސިވްކޮށް ވަރަށް މެސީ މޭންމާކް ކޮށްގެން. ޔަގީނުން ވެސް އެނގޭ ކަމަކީ މެސީ ހުރީ އިސް އުފުލައިގެން. އިތުބާރާ އެކު،" ސަމްޕައޮލީ ބުންޏެވެ.

ސަމްޕައޮލީ ބުނީ އާޖެންޓީނާ ވޯލްޑް ކަޕަށް ކޮލިފައިވީ ވެސް މެސީގެ މޮޅު ކުޅުމާ އެކު ކަމަށާއި ކުރިއަށްދާނީ ވެސް އޭނާގެ މޮޅު ކުޅުމާ އެކު ކަމަށެވެ.

މިރޭގެ މެޗަށް ފަހު މެސީ ދަނޑުމަތީގައި ހުރިއިރު އޭނާ ވަރަށް ބޮޑަށް މާޔޫސްވެފައިހުރި މަންޒަރު ފެނުނެވެ. އެ ވަގުތު ވީއައިޕީ އޭރިއާގައި ހުރި އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ވަނީ އެތަނުގައި ހުރެ މެސީ އަށް ސަޕޯޓް އޮތްކަން އިޝާރާތުން ދައްކައިފަ އެވެ.

ބާސެލޯނާ އާއި އާޖެންޓީނާގައި އެންމެ ފަހުން މެސީ ފޮނުވާލި ހަތް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީއެއް ވަނީ ނާކާމިޔާބު ވެފަ އެވެ. މިރޭ މެސީ ފޮނުވާލި ޕެނަލްޓީ މަތަކުރި އައިސްލެންޑްގެ ކީޕަރު ހެނޭ ހަލްޑޯސަން ވަނީ ކުރިން މެސީގެ ޕެނަލްޓީތަކުގެ ވީޑިއޯ ބަލައިފަ އެވެ. ހަލްޑޯސަން އަކީ ހުސް ވަގުތުތަކުގައި ކުރު ފިލްމްތައް ޑައިރެކްޓްކުރާ މީހެކެވެ.

"މެޗުގައި ޕެނަލްޓީއެއް އާޖެންޓީނާ އަށް ލިބޭނެ ކަމަށް ބަލާފައި އެ ހާލަތަށް ތައްޔާރުވެ އަހަރެން ވާނީ ހޯމް ވޯކް ހަދާފައި. ތެދެއް އަހަރެން މެސީގެ ޕެނަލްޓީތައް ބެލިން. އެހެންވެ ޔަގީންކަމާ އެކު އެ ޕެނަލްޓީ ޖެހި ވަގުތު ހުރީ،" މިރޭގެ މެޗަށް ފަހު ހަލްޑޯސަން ބުންޏެވެ.

އައިސްލެންޑް ވަނީ އެ ޓީމުން ކުޅުނު ބައިނަލްއަގްވާމީ ފުރަތަމަ މުބާރާތް ކަަމަށްވާ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އައިސްލެންޑުން ވަނީ އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޕޯޗުގަލްއާ އެއްވަރުކޮށްފަ އެވެ. އައިސްލެންޑް އެ މުބާރާތުން ކެޓީ ކުއާޓާ ފައިނަލުންނެވެ.

މި ފަހަރު ވޯލްޑް ކަޕް މުބާރާތުގައި އަލަށް ވާދަކޮށް އައިސްލެންޑް މި ވަނީ މުބާރާތުގެ ފޭވަރިޓެއް ކަމަށްވާ އާޖެންޓީނާއާ އެއްވަރުކޮށްފަ އެވެ. ހަލްޑޯސަން ބުނީ މިއީ ކުރިއަށްދާން ބަލާއިރު ވަރަށް ރަނގަޅު ފެށުމެއް ކަމަށެވެ.