ބާސެލޯނާ އިން ޕައުލީނިއޯ ޗައިނާ އަށް ފޮނުވާލައިފި

ބާސެލޯނާ (ޖުލައި 9) – ބާސެލޯނާ އިން މިދިޔަ ސީޒަނުގައި 40 މިލިއަން ޔޫރޯ އަށް ގަތް ބްރެޒިލް މިޑްފީލްޑަރު ޕައުލީނިއޯ، އޭނާގެ ކުރީގެ ކްލަބް ޗައިނާގެ ގުއަންޒޫ އެވަގްރެނޭޑަށް އެއް އަހަރުގެ ލޯނެއްގެ ދަށުން ދޫކޮށްލައިފި އެވެ.


އުމުރުން 29 އަހަރުގެ ކުޅުންތެރިއާ މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައިވަނިކޮށް އޭނާ ދޫކޮށްލީ ކީއްވެ ކަމާ މެދު ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. ބެލެވޭ ގޮތުގައި އެއީ ބްރެޒިލްގެ ގްރެމިއޯގެ މިޑްފީލްޑަރު އާތޯ ގެނައުމަށްޓަކައި އެ ކްލަބުގެ ޔޫރަޕުން ބޭރު ކޯޓާ އިން ޖާގައެއް ހުސްކުރުމަށްޓަކައި ގެނައި ބަދަލެކެވެ.

ޔޫރަޕުން ބޭރު ތިން ކުޅުންތެރިން ރަޖިސްޓްރީކުރެވޭއިރު އެ ޖާގައިގައި ތިބީ ޕައުލީނިއޯގެ އިތުރުން ކޮލަމްބިއާގެ ޔެރީ މިނާ އަދި ބްރެޒިލްގެ ފިލިއްޕޭ ކުޓީނިއޯ އެވެ. ބާސެލޯނާ އިން ފުރަތަމަ މަސައްކަތްކުރީ ކުޓީނިއޯ އަށް ޕޯޗުގަލްގެ ރަށްވެހިކަން ހޯދައިދީގެން ޖާގައެއް ހުސްކުރުމަށެވެ. އެކަމަކު އެކަން ކާމިޔާބުނުވުމުން ޕައުލީނިއޯ ދޫކޮށްލަން ޖެހުނީ ކަމަށް ބެލެވެ އެވެ. ބާސެލޯނާގައި ދެން ހުރި ޔޫރަޕުން ބޭރު ކުޅުންތެރިއާ އުރުގުއޭގެ ލުއިސް ސުއަރޭޒްގެ އަތުގައި އިޓަލީގެ ޕާސްޕޯޓް އޮވެ އެވެ.

ޕައުލީނިއޯ ވަނީ މިދިޔަ ސީޒަނުގައި ބާސެލޯނާ އަށް 34 މެޗު ކުޅެދީ ނުވަ ގޯލް ޖަހައިދީ އެ ޓީމަށް ސްޕެނިޝް ލީގު ކާމިޔާބުކޮށްދިނުމުގައި އެހީތެރިވެދީފަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕުގައި ބްރެޒިލް ކުޅުނު ފަސް މެޗުގައި ވެސް އޭނާ ފުރަތަމަ އެގާރައިގައި ހިމެނުނެވެ.

އެއް އަހަރުގެ ލޯން މުއްދަތު ހަމަވުމުން އޭނާ ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން ގަތުމުގެ ފުރުސަތު ގުއަންޒޫ އަށް އޮންނާނެ ކަމަށް ބާސެލޯނާ އިން ބުނެ އެވެ. ބްރެޒިލްގެ ކޮރިންތިއަންސް އިން 2013 ވަނަ އަހަރު ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާސްއާ ގުޅުނު ޕައުލީނިއޯ ޗައިނާ އަށް ބަދަލުވީ އެ ކްލަބަށް ދެ ސީޒަން ކުޅެދިނުމަށް ފަހު އެވެ.