މާރޭޒް ސިޓީ އަށް، ޓޮރޭރާ އާސެނަލަށް

ލަންޑަން (ޖުލައި 11) - ލެސްޓާ ސިޓީގެ އަލްޖީރިއާ ވިންގް ރިޔާދު މާރޭޒް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ބަދަލުވިއިރު، އުރުގުއޭގެ ހުނަރުވެރި މިޑްފީލްޑަރު ލޫކަސް ޓޮރޭރާ އާސެނަލަށް ސޮއިކޮށްފި އެވެ.


މާރޭޒަކީ މިިދިޔަ ޖެނުއަރީ މަހު ވެސް ސިޓީން ބޭނުންވި ކުޅުންތެރިއެކެވެ. ސިޓީ އަށް ބަދަލުވާން މާރޭޒް ވަނީ ލެސްޓާ މެނޭޖްމަންޓުގައި ވެސް އެދިފަ އެވެ. އެކަމަކު އޭރު ލެސްޓީ އިން މާރޭޒް ވިއްކާލަން ކީ އަގު ކަމަށްވާ 95 މިލިއަން ޕައުންޑް ދޭން ސިޓީން ދެކޮޅު ހެދުމުން އެ ޓްރާންސްފާ ނުހިނގި އެވެ.

ސިޓީން އުމުރުން 27 އަހަރުގެ މާރޭޒްގެ ސޮއިހޯދީ ލެސްޓާ އަށް 60 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހު އެވެ. މިއީ ސިޓީގެ ރެކޯޑް ޓްރާންސްފާ އެވެ. އެ ޓީމުން އެންމެ ފަހުން އެންމެ އަގުބޮޑުކޮށް ގަތީ މިދިޔަ ޖެނުއަރީ މަހު އެތުލެޓިކް ބިލްބާއޯ އިން އައިމެރިކް ލަޕޯޓް އެވެ. އޭނާ ގަންނަން ސިޓީން 57 މިލިއަން ޕައުންޑް ހޭދަކުރި އެވެ.

ވާތުފައިން ކުޅޭ މާރޭޒަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ހުރި އެންމެ ހަލުވި އެއް ކުޅުންތެރިއާ އެވެ. ލެސްޓާ އިން ދުނިޔެ ހައިރާންކޮށްލުމަށް ފަހު 2016 ވަަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރިއިރު އެ ސީޒަނުގެ މޮޅު ކުޅުންތެރިއަކީ މާރޭޒް އެވެ.

އާސެނަލަށް ސޮއިކުރި އުރުގުއޭގެ ޓޮރޭރާ. -- ފޮޓޯ: އޭއެފްޕީ

އިޓަލީގެ ސަމްޑޯރިއާ އަށް ކުޅެމުން އައި ޓޮރޭރާގެ ސޮއި އާސެނަލުން ހޯދީ 26 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހު އެވެ. މި ފަހަރުގެ ވޯލްޑް ކަޕުގައި އުރުގުއޭ ޓީމަށް މޮޅު ކުޅުމެއް ދެއްކި ޓޮރޭރާ އަކީ މިދިޔަ ދެ އަހަރަށް ބަލާއިރު އިޓަލިއަން ލީގުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއް މިޑްފީލްޑަރެވެ.

ޓޮރޭރާ ގަތުމުގެ ހުރިހާ ކަމެއް މީގެ 20 ވަރަކަށް ދުވަސް ކުރިން އާސެނަލުން ނިންމާފައިވީ ނަމަވެސް ޓްރާންސްފާގެ ކަންތައްތައް ލަސްވީ އުރުގުއޭ ވޯލްޑް ކަޕްގައި ވާދަކުރަމުންދާތީ އެވެ. އުރުގުއޭގެ ކޯޗު އޮސްކާ ޓަބަރޭޒް ވަނީ ވޯލްޑް ކަޕް ތެރޭގައި އެ ޓީމުގެ އެއްވެސް ކުޅުންތެރިއަކު ޓްރާންސްފާގެ މަޝްވަރާތައް ނުކުރަން އަންނަގައިފަ އެވެ.

އަންނަ މަހު 10 ވަނަ ދުވަހު ފަށާ އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި އާސެނަލްގެ އާ ކޯޗު އުނާއި އެމެރީގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅޭނީ ސިޓީއާ ދެކޮޅަށެވެ.

އަބްދުﷲ ޖާބިރު

3

ކާށިދޫ ދާއިރާ