އިންގްލެންޑުގެ މި ޖީލު ތަފާތު ދައްކާނެ: ސައުތުގޭޓް

މޮސްކޯ (ޖުލައި 11) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިހާތަނަށް އިންގްލެންޑުގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމަށް ބަލާއިރު މި ޓީމުން މުސްތަގުބަލުގައި ތަފާތު ދައްކާނެ ކަމަށް ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.


އަށާވީސް އަހަރަށް ފަހު ފުރަަތަމަ ފަހަރަށް ވޯލްޑް ކަޕް ސެމީ ފައިނަލަށް އިންގްލެންޑް މިރޭ ނުކުންނައިރު ސައުތުގޭޓަށް ހަމައެކަނި އޮތް ބިރަކީ މިހާރު އެ ޓީމާ މެދު މީހުން ދެކޭ ގޮތް ބަދަލުވެފައިވުމެވެ.

"މުބާރާތަށް އައިއިރު އެންމެ ފުރަތަމަ ކަޓާނީ އަހަރެމެން ކަމަށް ވެސް ބުނަމުންދިޔަ އެކަމަކު އެކަން އެހެނެއް ނުވި. ދެން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް އައިސް މިހާރު ގިނަ ބަޔެއްގެ ނަޒަރުގައި އަހަރެމެން ތަށި ނަގަން ޖެހޭ. މިއީ ކޮންމެވެސް ސިފައެއްގައި އޮތް ޕްރެޝަރެއް،" ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ސައުތުގޭޓް ބުންޏެވެ.

އިންގްލެންޑްގެ ރަން ޖީލު 2002 އާއި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ނިންމާލީ ސެމީ ފައިނަލުގައި ވެސް ނުކުޅެ އެވެ. އެކަމަކު މިހާރު އޮތް ޒުވާން ސްކޮޑުން މިހާރު ވެސް ވަނީ އިންގްލެންޑްގެ ރަން ޖީލަށް ވުރެން ދުރަށް ވޯލްޑް ކަޕްގައި ގޮސްފަ އެވެ.

"އަހަރެން އެންމެ ފުރަތަމަ މި ޓީމާ ހަވާލުވިއިރު ވެސް ވިސްނީ ޒުވާން ކުޅުންތެރިން ލައިގެން ކުރިއަށްދާން. އެ އިތުބާރު އަދިވެސް އެބައޮތް. އިންގްލެންޑުގައި މިހާރު މި އޮތް ޖީލު ތަފާތު ދައްކާނެ،" ސައުތުގޭޓް ބުންޏެވެ.

އިންގްލެންޑްގެ ކޯޗު ސައުތުގޭޓް. -- ފޮޓޯ: އޭއެފްޕީ

އިންގްލެންޑުން މިހާތަނަށް ވޯލްޑް ކަޕް ކާމިޔާބުކުރީ އެއް ފަހަރު އެވެ. އެއީ 1966 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން މިއީ އެ ޓީމު ސެމީ ފައިނަލުގައި ކުޅޭ ދެ ވަނަ ފަަހަރެވެ.

އިންގްލެންޑުގެ މިޑްފީލްޑަރު ޖޯޑަން ހެންޑަސަން ދެކޭގޮތުގައި މިރޭގެ މެޗުގައި އެންމެ މުހިއްމުކަމަކީ ކްރޮއޭޝިއާގެ މެދުތެރެއަށް ކުޅޭ އިވާން ރަކިޓިޗާއި ލޫކަ މޮޑްރިޗް މެޗުގެ ކޮންޓްރޯލް ނެގިޔަ ނުދިނުމެވެ. އަދި އެ ދެ ކުޅުންތެރިންނަކީ މި ފަހަރުގެ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ދެ ކުޅުންތެރިން ކަމަށް ހެންޑަސަން ވަނީ ބުނެފަ އެވެ.

ބޮޑު މުބާރާތެއްގައި ކްރޮއޭޝިއާ އާއި އިންގްލެންޑް މިހާތަނަށް ބައްދަލުކޮށްފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ 2004 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގަ އެވެ. އެ ފަހަރު އިންގްލެންޑް މޮޅުވީ 4-2 އިންނެވެ. ކްރޮއޭޝިއާ އިން އެންމެ ފަހުން އިންގްލެންޑް ބަލިކުރީ 2007 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުން 3-2 އިންނެވެ. އެ މެޗުން އިންގްލެންޑް ބަލިވުމާ އެކު 2008 ގެ ޔޫރޯ އިން އިންގްލެންޑަށް ޖާގަ ގެއްލުނެވެ.

މިރޭ ވޯލްޑް ކަޕް ސެމީ ފައިނަލުގައި ކްރޮއޭޝިއާ އާއި އިންގްލެންޑް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 11 ޖަހާއިރު އެވެ.