ފްރާންސްގެ މޮޅު ހަދިޔާކުރީ ހޮހޮޅައިގައި ތާށިވީ ކުދިންނަށް

ސެއިންޓް ޕީޓާސްބާގް (ޖުލައި 11) – ފީފާ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ރޭ ބެލްޖިއަމް އަތުން 1-0 އިން ފްރާންސް ހޯދި މޮޅު، ތައިލެންޑުގެ ހޮހޮޅައެއްގައި ތާށިވީ ޖޫނިއާ ފުޓްބޯޅަ ޓީމަށް، ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ހަދިޔާކޮށްފި އެވެ.


ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިގައި ތާށިވި 12 ކުދިންނާއި ކޯޗު ސަލާމަތް ކުރުމަށް ހިންގި ނުރައްކާ އަދި އުނދަގޫ މަސައްކަތް ކާމިޔާބުކަމާ އެކު އިއްޔެ ވަނީ ނިންމާލައިފަ އެވެ.

"މި ކާމިޔާބީ ހައްގުވާނީ މިއަދުގެ ބަތަލުންނަށް. ތިކުދިންނަށް ސާބަސް، ހާދަ ހިތްވަރުފަދައޭ،" ޕޮގްބާ ޓްވީޓްކުރި އެވެ.

ވައިލްޑް ބޯސްގެ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ހޮހޮޅައިގައި މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ތާށިވީ ފުޓްބޯޅަ ޕްރެކްޓިހަށް ފަހު ވަދެ އުޅެނިކޮށް، ވާރޭވެހި ފެންބޮޑުވުމުންނެވެ. އެ އެ ކުދިން ހަފުތާއެއް ފަހުން ފެނުނުއިރު، ސަލާމަތްކުރެވުނީ އިންތިހާ ދަރައިގެ ނުރައްކާ ބޮޑު އުނދަގޫ އޮޕަރޭޝަނަކަށް ފަހު އެވެ. އެ ކުދިން ސަލާމަތްކުރި ޓީމަށް ތައުރީފް އޮހޭ ފަދައިން، އެ ހާލަތުގައި އެ ކުދިން ކުރި ހިތްވަރަށް ވެސް އެތައް ބަޔަކު އަންނަނީ ތައުރީފް އޮއްސަމުންނެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ އެ ކުދިންނަށް ވޯލްޑް ކަޕް ފައިނަލް މެޗު ބެލުމަށް ރަޝިއާ އަށް އައުމުގެ ދައުވަތު ދެއްވައިފަ އެވެ. އެކަމަކު ސިއްހީ ހާލަތު ތަންނުދޭތީ މިވަގުތު އެކަން ކުރެވެން ނެތެވެ.

ފަހުން ފީފާ އިން ބުނީ އެ ޖަމިއްޔާ އިން އެންމެ ސަމާލުކަންދޭނީ މި އޮޕަރޭޝަނުގައި ހަރަކާތްތެރިވި އެންމެންނަށް ސަލާމަތް ސިއްހަތަކަށް ކަމަށާއި ފީފާގެ އެހެން އިވެންޓަކަށް އެ ކުދިންނަށް ދައުވަތު ދިނުމަށް ބަލަމުން އަންނާނެ ކަމަށެވެ.

އެ ކުދިން ހޮހޮޅައިގައި ތާށިވިއިރު ތިބި ފުޓްބޯޅަ ކިޓުގަ އެވެ. އިނގިރޭސި ޖާޒީގައި އެއް ކުއްޖަކު ހުރިއިރު ރެއާލް މެޑްރިޑުގެ ޖާޒީއެއްގައި ވެސް ކުއްޖަކު ހުއްޓެވެ. ވޯލްޑް ކަޕުގެ ދެ ވަނަ ސެމީގައި މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނަ އިނގިރޭސި ޓީމުގެ ޑިފެންޑަރު ކައިލް ވޯކާ ވަނީ އެ ކުދިންނަށް ޖާޒީ ހަދިޔާކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. މީގެ އިތުރުން ވެސް އެތައް ކުޅުންތެރިންތަކެއް ވަނީ އެ ކުދިން ސަލާމަތްވީތީ ހިތްހަމަޖެހުމުގެ ޝުއޫރުތައް ފާޅުކޮށްފަ އެވެ.