ރޮނާލްޑޯ ފުރަތަމަ ހުށަހެޅީ ޔުނައިޓެޑާއި ޕީއެސްޖީ އަށް

ލަންޑަން (މެއި 12) - ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގަތުމުގެ ފުރުސަތު އެންމެ ފުރަތަމަ ލިބުނީ އޭނާގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަށް ކަމަށް ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑޭޒާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


އުމުރުން 33 އަހަރުގެ ރޮނާލްޑޯ، އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލުވީ 117 މިލިއަން ޑޮލަރު (100 މިލިއަން ޔޫރޯ) އަށެވެ. އަދި ރިޕޯޓްތައް ބުނާގޮތުން ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ޔުވެންޓަސްއާ އެކު ރޮނާލްޑޯ ސޮއިކުރީ އަަހަރަކު 30 މިލިއަން ޔޫރޯގެ މުސާރަ އަކަށެވެ.

މިދިޔަ މެއި މަހުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ފަހު ރޮނާލްޑޯ ވަނީ ރެއާލުން އަންނަ އަހަރު ނުފެނިދާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. އެކަމަކު ފަހުން ރޮނާލްޑޯ ބުނީ އޭނާ ދެއްކި ވާހަކަތައް މީޑިއާގައި ދެކެވުނީ މާނަ އޮޅޭ ގޮތަށް ކަމަށެވެ. ރޮނާލްޑޯ އާއި ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާ ދެމެދު ހިތްހަމަ ނުޖެހުންތަކެއް އުފެދުނީ ރެއާލުގެ ކޯޗުކަމުން ޒިނެދިން ޒިދާން ވަކިވިފަހުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި ރޮނާލްޑޯ ރެއާލް ދޫކޮށްލަން ނިންމީ ޒިދާން އެ ޓީމުން ދިޔަ ފަހުންނެވެ.

މީގެ ކުރިން ރޮނާލްޑޯ ވަނީ ކުރީގެ ކްލަބް ޔުނައިޓެޑަށް އަލުން ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ. އޭނާ ޔުވެންޓަސް އަށް ބަދަލުވީ ތަފާތު ޗެލެންޖެއް ބޭނުންވެގެން ކަމަށް ބުނެފައިވާއިރު، ރޮނާލްޑޯގެ އޭޖެންޓް މެންޑޭޒް ވަނީ ޔުވެންޓަސް އަކީ ރޮނާލްޑޯ ކުޅޭނެ ފަހު ކްލަބަށް ވުމުގެ ފުރުސަތު ބޮޑުކަމަށް ބުނެފަ އެވެ.

ރޮނާލްޑޯ (ކ) އޭނާގެ އޭޖެންޓް ޖޯޖް މެންޑޭޒްއާ އެކު. -- ފޮޓޯ: އޭއެފްޕީ

ސްޕެއިން ފުޓްބޯޅައިގެ ތަޖުރިބާކާރު ގުއިލެމް ބަލަގޫ އަދި ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ރޮނާލްޑޯގެ ޓްރާންސްފާ ކަންތައްތަކާއި އޭނާގެ އޭޖެންޓް މެންޑޭޒް ފުރަތަމަ މަޝްވަރާ ކުރީ ޔުނައިޓެޑާ އެވެ. އެކަމަކު ޔުނައިޓެޑުން ރޮނާލްޑޯގެ އުމުރަށް ބަލާފައި އޭނާ އަށް 65 މިލިއަން ޔޫރޯ އަށް ވުރެ ބޮޑު އަގެއް ހުށަހަޅަން ބޭނުމެއްނުވި ކަމަށެވެ. އަދި ރޮނާލްޑޯ ބޭނުންވާ މުސާރަ ދޭނަމަ ޔުނައިޓެޑުން ދެ ކުޅުންތެރިއަކު ވިއްކާލަން ޖެހޭނެތީ އެ ކްލަބުން އެ ގޮތަށް ބޭނުންނުވީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޕީއެސްޖީން ރޮނާލްޑޯ ގަންނަން ލިބުނު ފުރުސަތުގެ ބޭނުންނުހިފީ އެ ކްލަބުން ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)އާ ހިލާފުވެފައިވާ ކަމަށް ބުނެ ގިނަ ކްލަބްތަކުން މިހާރު ވެސް ޔުއެފާ އަށް މައްސަލަ ހުށަހަޅާފައިވާތީ އާއި މޮނާކޯ އިން ލޯން އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީ އަށް ކުޅެމުން އަންނަ ކިލިއަން އެމްބާޕޭގެ އެއްބަސްވުން ދާއިމީ ކުރުމަށް ބޮޑު ޓްރާންސްފާ ފީއެއް ދައްކަން ޖެހޭތީ އެވެ. ރިޕޯޓްތައް ބުނާގޮތުން އެމްބާޕޭގެ އެއްބަސްވުން ދާއިމީ ކުރަން 180 މިލިއަން ޔޫރޯ ހަރަދުވާނެ އެވެ.

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ރޮނާލްޑޯ ރެއާލާ ގުޅުނީ 2009 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 80 މިލިއަން ޕައުންޑަށެވެ. ރެއާލުގައި ރޮނާލްޑޯ ހޭދަކުރި 10 އަހަރުގައި އޭނާ ވަނީ އެ ޓީމަށް 451 ގޯލު ޖަހައިދީފަ އެވެ.

ރޮނާލްޑޯ ވަނީ މިހާތަނަށް ބެލޮންޑިއޯ އެވޯޑް ފަސް ފަހަރު އަދި ފީފާ އިން ދާދި ފަހުން ތައާރަފްކުރި ފީފާ ބެސްޓް އެވޯޑް ދެ ފަހަރު ހޯދައިފަ އެވެ.

ޔުވެންޓަަސް ޖޯޒީގައި ރޮނާލްޑޯ ކުޅޭ ފުރަތަމަ މެޗަކީ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި އަންނަ މަހު ފަސް ވަނަ ދުވަހު ރެއާލާ ދެކޮޅަށް ކުޅޭ މެޗަށް ވުމުގެ ފުރުސަތު ބޮޑެވެ.