އިންގްލެންޑް ކަޓުވާލައި ކްރޮއޭޝިއާ ފުރަތަމަ ފައިނަލަށް

މޮސްކޯ (ޖުލައި 12) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީގައި މިރޭ ފަހަތުން އަރައި އިންގްލެންޑް އަތުން 2-1 އިން މޮޅުވެ ކްރޮއޭޝިއާ ވޯލްޑް ކަޕު ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފި އެވެ.


އަންނަ އާދިއްތަ ދުވަހު ކުޅޭ ފައިނަލުގައި ކްރޮއޭޝިއާ ނުކުންނާނީ ފްރާންސާ ދެކޮޅަށެވެ. ހޮނިހިރު ދުވަހު ކުޅޭ ތިން ވަނަ ހޮވާ މެޗުގައި އިންގްލެންޑް ކުޅޭނީ ބެލްޖިއަމްއާ އެވެ.

މިއީ ބޮޑު މުބާރާތެއްގައި އިންގްލެންޑް އަތުން ކްރޮއޭޝިއާ އަށް ލިބުނު ފުރަތަމަ މޮޅެވެ. ކްރޮއޭޝިއާ މީގެ ކުރިން ވޯލްޑް ކަޕްގެ ސެމީ ފައިނަލެއްގައި ކުޅުނީ މީގެ 20 އަހަރު ކުރިންނެވެ. ފްރާންސްގައި 1998 ވަނަ އަހަރު އޮތް ވޯލްޑް ކަޕުން ކްރޮއޭޝިއާ އަށް ލިބުނީ ތިން ވަނަ އެވެ. މި ފަހަރުގެ ފައިނަލުގައި އެ ޓީމު ކުޅޭއިރު، މިއީ އެ ޓީމުގެ ފުޓްބޯޅަ ތާރީހުގައި ބޮޑު ކާމިޔާބެކެވެ.

މި މެޗުން ބަލިވުމުން އިންގްލެންޑުން 52 އަހަރަށް ފަހު ވޯލްޑް ކަޕުގެ ފައިނަލުގައި ކުޅުމަށް ކުރި އުއްމީދަށް ވަނީ ނިމުމެއް އައިސްފަ އެވެ. މިއީ 28 އަހަރަށް ފަހު އިންގްލެންޑް ވޯލްޑް ކަޕެއްގެ ސެމީ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ.

މެޗު ފަށައިގެން ކްރޮއޭޝިއާ އަށް ރަނގަޅަށް މެޗުގެ ތެރެއަށް ނުވަދެވެނިކޮށް އިންގްލެންޑުން ވަނީ ލިބުނު ފުރުސަތުގެ ބޭނުން ހިފައި މެޗުގެ ލީޑުނަަގައިފަ އެވެ. މެޗުގެ ފަސް ވަނަ މިނިޓްގައި މި ލަނޑު ޖެހީ ހިލޭ ޖެހުމަކުން ކިއެރަން ޓްރިޕިއާ އެވެ. ޓްރިޕިއާ ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަަނަށް އަމާޒުވިއިރު އެ ބޯޅަ ހުއްޓުވަން ކްރޮއޭޝިއާގެ ކީޕަރު ޑެނިއަލް ސުބަސިޗަށް މާ ބޮޑު މަސައްކަތެއް ނުކުރެވުނެވެ.

ލީޑުފުޅާކުރަން ފުރަތަމަ ހާފުގައި އިންގްލެންޑަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެ ގޮތުން ހެރީ ކޭން އަށް އޭރިއާ ތެރެއިން ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ ކީޕަރު ސުބަސަިޗް ހުއްޓުވިއިރު، ރެފްރީ ވަނީ ކޭން އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. ޑެލެ އަލީ ދިން ބޯޅައަކުން އޭރިއާ ރޮނގުކައިރީގައި ހުސްކޮށްހުރެފައި ޖެސޭ ލިންގާޑް ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ކުއާޓާ ފައިނަލުގައި ރަޝިއާއާ ދެކޮޅަށް ކުޅުނު މެޗެކޭ އެއްގޮތަށް މިރޭގެ ފުރަތަމަ ހާފުގައި ވެސް ކްރޮއޭޝިއާ ފެނުނީ ދަށްކޮށެވެ. މި ހާފުގައި އެ ޓީމުން ގޯލާ އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާ ފޮނުވާލީ އަންޓޭ ރެބިޗް އެވެ. އޭނާ ޖެހި ބޯޅަ އިންގްލެންޑުގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.

ކްރޮއޭޝިއާގެ އިވާން ޕެރިސިޗާއި ސީމް ވިސާލްކޯ ފޮނުވާލި ބޯޅަތައް ދިޔައީ ހުރަސް ދަނޑިމަތިންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުުތުގައި ކީޕަރު ޕިކްފޯޑަށް ހެދުނު ގޯހަކުން ކްރޮއޭޝިއާގެ އިވާން ރަކިޓިޗަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނީ ބޯޅަ ފޮނުވާލުން ލަސްކޮށްލުމުންނެވެ.

މެޗަށް ފަހު އިންގްލެންޑްގެ ކުޅުންތެރިންނާއި ކޯޗު ސައުތުގޭޓް (މ) ދަނޑުމަތީގައި. -- ފޮޓޯ: އޭއެފްޕީ

ދެ ވަނަ ހާފް ފަށައިގެން ކްރޮއޭޝިއާ އިން ކުރިއަށް ޖެހިގެން އިންގްލެންޑް ހާފު ތެރޭގައި ގިނަ ވަގުތު ކުޅެމުން ދިޔަ ނަމަވެސް ގޯލާ އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވޭގޮތެއްނުވި އެވެ. އަނެއްކޮޅުން އިންގްލެންޑުން ކައުންޓަ އެޓޭކުގައި ލީޑުފުޅާކުރަން ދިޔައީ މަސައްކަތްކުރަމުންނެވެ.

މެޗުގެ 65 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ކްރޮއޭޝިއާގެ ޕެރިސިޗް ޖެހި ބޯޅަ އިންގްލެންޑުގެ ކައިލް ވޯޯކާ ވަނީ ބްލޮކްކޮށްފަ އެވެ. އޭގެ ފަހުން އިންގްލެންޑުގެ ކޭން ޖެހި ޝޮޓެއް އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.

ކްރޮއޭޝިއާ އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 68 ވަނަ މިނިޓްގައި ޕެރިސިޗް ޖެހި ގޯލުންނެވެ. ވިސާލްކޯ ނަގައިދިން ހުރަހަކުން ޕެރިސިޗް ފައިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. އޭގެ ތިން މިނިޓް ފަހުން ކްރޮއޭޝިއާ އަށް ލީޑުނަގައިދޭން ޕެރިސިޗް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

އިންގްލެންޑަށް އަލުން ލީޑުނަގައިދޭން މެޗުގެ 77 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ލިންގާޑް ފޮނުވާލި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ނަތީޖާ ނެރެން ދެ ޓީމުން ވެސް ވަނީ ރަނގަޅު ހަމަލާތަކެއް ފޮނުވާލައިފަ އެވެ. ކްރޮއޭޝިއާގެ މާރިއޯ މަންޒުކިޗް ޖެހި ބޯޅަ ކީޕަރު ޕިކްފޯޑް މަތަކުރިއިރު، ޕެރިސިޗް ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. ހިލޭ ޖެހުމަކުން ހުރަސްވި ބޯޅައަކުން އިންގްލެންޑުގެ ކޭން ބޮލުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ނޮކައުޓް ބުރުގައި ކްރޮއޭޝިއާ ކުޅުނު ތިން މެޗު ވެސް ނަތީޖާ ނެރުނީ އިތުރު ވަގުތަށް ގޮސްގެންނެވެ. ކުރިން ދެ މެޗުން ޕެނަލްޓީ ޖަހައިގެން މޮޅުވި ނަމަވެސް މި ފަހަރު އިތުރު ވަގުތުގެ ދެ ހާފް ތެރޭގައި ނަތީޖާ ނެރުނެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އިންގްލެންޑުގެ ޖޯން ސްޓޯންސް ބޮލުން ފޮނުވާލި ބޯޅައެއް ގޯލުގެ ރޮނގުމަތިން ސަލާމަތްކުރީ ވިސާލްކޯ އެވެ. އަދި އޭގެ ފަހުން މަންޒުކިޗް މުޅިން ހުސްކޮށްހުރެ ފޮނުވާލި ބޯޅަ ކީޕަރު ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.

އެކަމަކު އިތުރުވަގުތުގެ ދެ ވަނަ ހާފުގައި މަންޒުކިޗް ވަނީ ކްރޮއޭޝިއާ އަށް ލީޑުނަގައިދީފަ އެވެ. ޕެރިސިޗް ބޮލުން ކުރިއަށް ޖައްސާލި ބޯޅަ އިންގްލެންޑް ޑިފެންޑަރުންނަށް ލިބުމުގެ ކުރިން ހޯދުމަށް ފަހު މަންޒުކިޗް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

ނަތީޖާ ހަމަަހަމަ ކުރަން އިންގްލެންޑުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއްނުވި އެވެ. މެޗުގެ ފަހު ކަށިގަނޑަށް ފަހު ކްރޮއޭޝިއާ ކުޅުންތެރިން ދަނޑުމަތީގައި އުފާފާޅުކުރަމުން ދިޔައިރު، އިންގްލެންޑްގެ ކުޅުންތެރިން ތިބީ ހަރަކާތް ހުއްޓިފަ އެވެ.

އަޙްމަދު އުޝާމް

2

ވިލިމާލެ ދާއިރާ