މުރާކި: ފައިދާތައް ގިނަ، އާންމު މޭވާއެއް

އަހަރެމެން ވިނައެއް ކަމަށް ބަލާ މުރާތްކަކީ ސިއްހީ ފައިދާތައް ގިނަ އެއްޗެކެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ހެދޭ މި ކުޑަކުޑަ ގަހުގައި އަޅާ ކުޑަކުޑަ މޭވާ ކައި އުޅެނީ މަޖަލަކަށެވެ. އަނގައިގެ ތެރެއަށް މި މޭވާ ފެޅޭއިރު ކުއްލިއަކަށް އެ ދޭ ހުތް ފޮނި ރަހަ ކަމުދަނީ އެވެ.


މިއީ ރާއްޖޭގައި މީގެ ކުރިން ވަރަށް ގިނައިން ހެދޭ ބާވަތެއް ނަމަވެސް މިހާރު ވަރަށް މަދެވެ. އެކަމަކު މިއީ އާލާކޮށް، އާންމުކޮށް ބޭނުންކުރާ މޭވާއަކަށް ހެދިދާނެ އެވެ. މިއީ ރާއްޖޭގައި ފަސޭހައިން ހެއްދޭނެ ފައިދާހުރި މޭވާއެކެވެ.

ގާތްގަނޑަކަށް 140 ގްރާމްގެ މުރާކީގައި 74 ކެލަރީ ހުރެ އެވެ. މީގެ ބޮޑު ބައި ހިއްސާކުރަނީ ކާބޯހައިޓްރޭޓްސް އެވެ. މި މިންވަރުގައި ހަ ގްރާމް ފައިބަ ހުރެ އެވެ. މިއީ ދުވާލަކަށް ބޭނުންވާ މިންވަރުުގެ 20 ޕަސެންޓެވެ.

މުރާކީގައި ހިމެނޭ ނިއުޓްރިޝަން

މުރާތްކަކީ ބީޓާ-ކެރޮޓީން މަތީ މިންވަރަކަށް ހުންނަ އެއްޗެކެވެ. ކޮންމެވެސް ވަރަކަށް ކެލްސިއަމް ވެސް ހުރެ އެވެ. އަދި މަތީ މިންވަރަކަށް އެންޓި އޮކްސިޑެންޓާއި އެންޓި-އިންފްލެމޭޓަރީ މާއްދާތައް ވެސް ހުރެ އެވެ.

އިންސާނުން ބޭނުންކޮގެން، މުރާކީގެ ފައިދާތަކުގެ އަޖުމަ އަދި މިހާތަނަށް ބަލައިފައެއް ނުވެ އެވެ. އެކަމަކު މީގެ ނިއުޓްރިޝަނަށް ބަލާއިރު މިއީ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ އެއްޗެއް ކަމަށް ގަބޫލުކުރެވެ އެވެ.

މިއީ ބޭރުގައި އޮންނަ ތޮށި ނޮޅާލައި، ހަމަ އެ އޮންނަ ގޮތަށް ކާލުމުގެ ބަދަލުގައި ފުރުޓް ސެލެޑް ހަދައިގެން، ސްމޫތީ ހަދައިގެން، ޗޮކްލެޓް ޑިޒަޓާ އެކު، މަހުގެ ބާވަތްތަކާ އެކު ބޭނުންކުރަން ސޯސް ހަދައިގެން، ޖޭމު ހަދައިގެން އަދި ޔޯގަޓާ އެކު ވެސް ކެވިދާނެ އެއްޗެކެވެ. -- ހެލްތު ލައިން