ޒަހަމްވެފައި ތިބޭ މީހުން ޓެކްސީއަށް އަރުވަން ފަސްޖެހޭ: ހަމީދު

ޒަހަމްވެފައި ތިބޭ މީހުން ޓެކްސީތަކަށް އަރުވަން މަދުން ނަމަވެސް ފަސްޖެހޭކަން ފާހަގަކުރެވިފައިވާ ކަމަށް އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.


ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޮށްގެން ކުއްލި އެހީ ދިނުމުގެ ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ހަމީދު ވިދާޅުވީ މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކާ ގުޅިގެން، ޓެކްސީ ފަދަ ވެހިކަލްތައް ދުއްވާ މީހުން އިހުމާލުވެފައި ހުންނަ ކަމަށެވެ. އެހެންވެ އެކަން އެގޮތަށް ނުކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

"މަދުން ނަމަވެސް ފާހަގަކުރެވޭ ކަމެއް، މަގުމަތީގައި ހިނގާ ނުރައްކާތެރި އެކިއެކި އެކްސިޑެންޓުތައް ނުވަތަ ނުރައްކާތެރި އެކި ހާދިސާތަކާ ގުޅިގެން އާއްމު ފަރާތްތަކަށް ލިބޭ އަނިޔާއާ ގުޅިގެން ބައެއް ފަހަރު އަޅުގަނޑުމެން ފުލުހުން އެ ހާދިސާއަށް ރެސްޕޮންޑް ކުރި ނަމަވެސް މަގުމަތީގައި އޮޕަރޭޓްކުރާ އެހެނިހެން އާއްމު ފަރާތްތައް، ހާއްސަކޮށް ޓެކްސީ ފަދަ ވެހިކަލްތައް އޮޕަރޭޓްކުރާ ކުރުމުގައި ހާނިކަވާ ފަރާތް ނުވަތަ އަނިޔާވާ ފަރާތްތަކަށް ބައެއް ފަހަރު އިހުމާލުވެފައި ހުރޭ،" ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ހަމީދު ވިދާޅުވި އެވެ.

"ކޮންމެވެސް ސަބަބާކާ ހުރެ ޓެކްސީ ދުއްވާ ފަރާތް ނުވަތަ ވެހިކަލް އޮޕަރޭޓްކުރާ ފަރާތްތައް ނުވަތަ ވެހިކަލް ދުއްވާ ފަރާތްތައް ފަސްޖެހެމުންދާކަން ފާހަގަކުރެވޭ އަނިޔާ ލިބޭ ފަރާތްތައް އެ ގެންދަންޖެހޭ ސިއްހީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒަކަށް ގެންދިއުމުގައި،"

ޓެކްސީ ޑްރައިވަރުންނަށް ފުރަތަމަ އެހީގެ ތަމްރީނު ލިބުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށާއި އެއީ ކަމާގުޅޭ ފަރާތްތަކާ ގުޅިގެން އެ ދާއިރާއަށް ހެޔޮ ބަދަލެއް އަންނާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

މަގުމަތީގައި ރައްޔިތުންގެ ރައްކާތެރިކަމަށް މަސައްކަތް ކުރަމުން އަންނައިރު ޓެކްސީ ޑްރައިވަރުންނަކީ މަގުމަތި ބޭނުންކުރާ ވަރަށް މުހިއްމު ފަރާތެއް ކަމަށާއި ފުލުހުންގެ މަސައްކަތުގައި އެއްބާރުލުން ދިނުމަށް ހަމީދު ވަނީ އެދިވަޑައިގެންފަ އެވެ.

އަނިޔާވެފައި ތިބޭ މީހުން ޓެކްސީތަކަށް އަރުވަން ފަސްޖެހޭކަމަށް ވިދާޅުވިއިރު، މިދިޔަ މަހުގެ ފަހުކޮޅު ވެސް އަނިޔާވެފައި ހުރި ބިދޭސީއެއްގެ ގައިން ލޭ އަންނާތީ އޭނާ ހޮސްޕިޓަލަށް ގެންދިޔުމަށް ބައެއް ޓެކްސީތަކުން ދެކޮޅު ހެދި އެވެ.