ހަވާއީގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭ އުމުރު 100 އަށް މަތި ކުރަން ބިލެއް ހުށަހަަޅައިފި

ދުންފަތުގެ އިސްތިއުމާލު ކުރެވޭނެ އުމުރަކީ 100 އަހަރުން މަތިވުން ކަމަށް ކަނޑައަޅާ ބިލެއް ހަވާއީގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފި އެވެ.


މި ބިލް ހުށަހަޅާފައި ވަނީ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރެއް ކަމަށްވާ ޑރ. ރިޗަޑް ކްރީގަން އެވެ.

އޭނާގެ ބިލްގައި ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްދަ އުމުރު 2020-2024 އާ ދޭތެެރޭ 100 އަހަރަށް މަތިކުރަން ގޮވާލައިފަ އެވެ. ބޭނުމަކީ ހަވާއީގައި ދުންފަތުގެ އިސްތިއުމާކުރުން އެއްކޮށް ހުއްޓުވުމެވެ.

އެކަމަކު ދުންފަތުގެ އިސްތިއުމާލު ކުރުން ކަމުގައި އީ-ސިނގިރެޓާއި ދުން ހަފައިގެން ކެއުން އެ ބިލްގައި ހިމަނައިފައެއް ނުވެ އެވެ.

"އެޗްބީ 1509" ގެ ނަމުގައި ހުށަހަޅާފައިވަނީ، ދުންފަތުގެ އިސްތިއުމާލު ކުރެވޭނެ އުމުރު 2020 ގައި 30 އަށް މަތިކޮށް އަދި 2021 ގައި 40 އަށް، 2022 ގައި 50 އަށް، 2023 ގައި 60 އަށް އަދި 2024 ގައި 100 އަހަރަށް މަތިކުރުމަށެވެ.

ދުންފަތުގެ އިސްތިއުމާ ކުރެވޭނެ ރަސްމީ އުމުރުގެ ގޮތުގައި 2017 ގައި ހަވާއީ އިން ކަނޑައަޅާފައި އޮންނާނީ 21 އަހަރެވެ. އެކަމަކު އެމެރިކާގެ އެހެން ސްޓޭޓްތަކުގައި އެ އުމުރުފުރާ އުޅެނީ 18-19 ގަ އެވެ.

ކުރިން ފިޒިޝަނެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޑރ. ރިޗަޑް ހަވާއި ޓްރިއުން-ހެރާލްޑަށް ވިދާޅުވި ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭ އުމުރު މަތިކުރުމަކީ ދުންފަތުގެ ވިޔަފާރި ވެސް ހުއްޓުމަކަށް ގެންނަން ބާރު އަޅާނެ ކަމަކަށް ވާނެ އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރެވޭޜ އުމުރު މަތި ކުރަން ބިލް ހުށަހެޅި މެމްބަރު ޑރ. ރިޗަޑް.

"ދުންފަތުގެ އިސްތިއުމާ ކުރުމުގެ ހުއްދަ ދެވޭ އުމުރު މަތިކުރުމުގެ ނަތީޖާއަކީ އިންސާނުންގެ ސިއްހަތު ނުރައްކަލަށް ހުށަހަޅާފައިވާ ދުންފަތުގެ އިންޑަސްޓްރީ ހަމަ ބިމަށް ތިރިވުން،" އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ސެންޓަ ފޮ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދުންފަތާ ގުޅުން ހުރި ސިއްހީ މައްސަލަތަކުގައި އެ ގައުމުން އަހަރަކު ބައި މިލިއަނަށް ވުރެ ގިނަ މީހުން މަރުވެ އެވެ.