ކާބޯތަކެއްޗާއި ނުރަނގަޅު އާދަތަކުން ދިވެހިން ހަލާކު ވަނީ ހިތާމަ ކުރަންޖެހޭ މިންވަރަކަށް: ރައީސް

ނުރަނގަޅު ކާބޯތަކެއްޗާއި އާދަތަކުން ދިވެހިން ހަލާކުވަނީ ހިތާމަކުރަންޖެހޭ މިންވަރަކަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގައި މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ އިންސާނާގެ ހަގީގީ ތަރައްގީ ބިނާވެފައި ވަނީ ހަށިހެޔޮކަމާއި ސިއްހަތުގެ ދުޅަހެޔޮކަމާއި ބުއްދީގެ ގާބިލުކަމުގެ މައްޗަށް ކަމަށެވެ.

"މިހާރުގެ ހާލަތަށް ބަލާއިރު ދިވެހިންގެ ވިސްނުމާއި ސިއްހަތަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ ސިއްހަތަށް ގެއްލުން ހުރި ތަކެތީގެ ބޭނުން ކުރުމާއި ގައިންގަޔަށް ނާރާ ބަލިތައް،" ރައީސް ވިދާޅުވި އެވެ. "ސިއްހަތަށް ނުރަނގަޅު ކާބޯތަކެއްޗާއި ނުރަނގަޅު އާދަތަކުން ދިވެހިން ހަލާކުވަމުންދަނީ ހިތާމަކުރަންޖެހޭ މިންވަރަކަށް."

ރައީސް ވިދާޅުވީ ގައިންގަޔަށް ނާރާ ބަލިތަކަށް ވާސިލްވާ އެކައްޗަކީ ދުންފަތާއި ދުންފަތުގެ ބާތަތްތައް ކަމަށެވެ. އަދި ސިނގިރޭޓު ފޮށީގައި އިންޒާރުގެ ފޮޓޯ ޖެހުމުގެ ގަވާއިދު އެމަނިކުފާނު ގެޒެޓްކޮށްފައިވާ ކަމަށް ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެކަމުގެ ސަބަބުން ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވެފައި ވަނީ ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ނޭޝަނަލް މެންޓަލް ހެލްތު ސެންޓަރު ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ގާއިމް ކުރައްވާނެ ކަމަށެވެ. އަދި އެފަދަ ބަލިތަކަށް އާސަންދައިގެ ދަށުން ބޭސް ކުރެވޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިކަމަށް ބޭނުންވާ ވަސީލަތްތައް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު އަންނަނީ ގާއިމް ކުރަމުން. އަދި މިކަމަށް ބޭނުންވާ މެންޓަލް ހެލްތު ބިލް ވެސް މި އަހަރުގެ ތެރޭގައި މަޖިލިހަށް ހުށަހެޅޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ތެރެއިން 84 ޕަސެންޓު މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުން މަރުވާ މީހުންނެވެ. މީގެ ތެރެއިން އެންމެ ގިނައީ ނޭވާލާ ނިޒާމުގެ ބަލިތަކުން މަރުވާ މީހުންނެވެ. ނޭވާލާ ނިޒާމުގެ ބަލިތައް އެންމެ ގިނައިން ޖެހެނީ ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުންނެވެ.

ކެންސަރު ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ރާއްޖޭގައި ވަރަށް ގިނަ އެވެ. އެގޮތުން ދުފުމާއި ސުޕާރީ ކެއުން ފަދަ ކަންކަމުން އަނގައިގެ ކެންސަރު ޖެހޭ މީހުންގެ ނިސްބަތް އުޅެނީ ވަރަށް މަތީގަ އެވެ.