ޓްރީ ޓޮޕް ހޮސްޕިޓަލްގެ 'ވެލްނެސް ކޭމްޕް' އަށް އާންމުންގެ ބޮޑު ތަރުހީބެއް

އާންމުންގެ ބޮޑު ތަރުހީބަކާ އެކު، ޓްރީޓޮޕް ހޮސްޕިޓަލްގެ 'ވެލްނެސް ކޭމްޕް' އިއްޔެ ނިންމާލައިފި އެވެ.


އިއްޔެ ހެނދުނު 9 އިން ހަވީރު 6 އަށް ބޭއްވި މި ކާމިޔާބު މެޑިކަލް ކޭމްޕް ގައި 239 ބަލިމީހަކަށް ފަރުވާ ދިނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަށް އެއް އަހަރު ފުރުމުގެ މުނާސަބާއާ ގުޅުވައިގެން މި ފަހަރު ކޭމްޕް ބޭއްވި ނަމަވެސް ކުރިމަގުގައި މިފަދަ އިތުރު ކޭމްޕްތައް ބާއްވާނެ ކަމަށް ރާއްޖޭގެ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލުން ބުންޏެވެ.

ވެލްނެސް ކޭމްޕްގައި ޕޭޝަންޓަކު ޑޮކްޓަރަށް ދައްކަނީ--ފޮޓޯ:ޓްރީ ޓޮޕް

މި ޕްރޮގްރާމްގައި، ތަޖުރިބާކާރު ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ހިލޭ ލިބިފައިވެ އެވެ. އެގޮތުން، ކަށީގެ ބަލިތަކާއި އަންހެނުންނަށް ހާއްސަ ބަލިތަކުގެ އިތުރުން ޖެނެރަލް ސާޖަރީ އާއި އެތެރެ ހައްޓާއި ކަރުން މައްޗާއި ކުޑަކުދިންގެ ހަމުގެ ބަލިތަކާއި ކިންނީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު އޮތެވެ. އަދި ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި ޕްލާސްޓިކް ސާޖަރީގެ ހާއްސަ ޑޮކްޓަރުން ވެސް މީހުންނަށް ފަރުވާ ދިނެވެ.

މި ކޭމްޕްގައި ބައިވެރިވި މީހުންނަން މާދަމާ އިން ފެށިގެން ދެ ހަފްތާ ތެރޭގައި ފޮލޯއަޕް ކޮންސަލްޓޭޝަނެއް ވެސް ހިލޭ ލިބޭނެ އެވެ. އަދި ލެބޯޓަރީ އާއި ރޭޑިއޮލޮޖީ ޓެސްޓްތައް ހަދާ ނަމަ 10 ޕަސެންޓުގެ ޑިސްކައުންޓް ލިބެ އެވެ.

ވެލްނެސް ކޭމްޕްގައި ޑޮކްޓަރަށް ދެއްކުމަށްޓަކައި ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކިއުގައި ޖެހިގެން. އާންމުންގެ ބޮޑު ތަރުހީބެއް މި ކޭމްޕަށް ލިބުނު--ފޮޓޯ:ޓްރީ ޓޮޕް

ޓްރީ ޓޮޕް ހޮސްޕިޓަލުން އަންނަނީ ބަލި މީހުންނާ ވީހާ ވެސް ގާތުން ހިދުމަތްތައް ދިނުމަށްޓަކައި އަހަރީ ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ރާވަމުންނެވެ. އެގޮތުން ކެޔާ ޕެކޭޖްގެ ނަމުގައި ދެ ޖިންސުގެ މީހުންނަށް މެޑިކަލް ޗެކަޕެއް ހެދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މި ޕެކޭޖުގެ ތެރެއިން ފިޒިކަލް އެގްޒަމިނޭޝަނާއި ލެބޯޓަރީގެ ހިދުމަތް ލިބޭނެ އެވެ. އުމުރުން 40 އަހަރުން މަތީގެ މީހުން 1،500ރ. ދައްކަންޖެހޭ އިރު 40 އަހަރުން ދަށުގެ މީހުން 1،000ރ. ދެއްކުމުން އެ ޕެކޭޖުގެ ތެރެއިން މެޑިކަލް ޗެކަޕް ހެއްދޭނެ އެވެ.