މިހެން އަލަނާސި ކެވޭނެ؟

އަހަރެމެން އަލާނާސި ކަނީ އޭގެ ތޮށި ވަރަށް ރަނގަޅަށް މަށައި ކޮށައިގެންނެވެ. އެކަމަކު ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ ކުރުކުރު ވީޑިއޯއެއްގައި ފެންނަނީ ކަށިކެޔޮ ގަނޑަކުން ވައްތައް ނައްޓާ ގޮތަށް ފަހަރަކު ވަކެއް އަލަނާސިގަނޑުން ނައްޓަމުން ކަނިކޮށެވެ. ވަޅިއެއް ބޭނުމެއް ނުވެ އެވެ.


މި ވީޑިއޯ ބެލި ގިނަ މީހުން ވަނީ މި ހުރިހާ ދުވަހު އަހަރެމެން އަލަނާސި ކެއީ ގޯސްކޮށްތޯ ސުވާލުކޮށްފަ އެވެ.

އެހެންވެ މިކަހަލަ އުކުޅެއް ކިޔައިދިނީތީ ވީޑިއޯ އާންމު ކުރި މީހާ އަށް ބަޔަކު ޝުކުރު އަދާކޮށްފައިވެ އެވެ.

ޓްވިޓާގައި ހިޔާލުފާޅު ކުރި މީހަކު ބުނި ގޮތުގައި އަލަނާސިއަކީ ރާސްބެރީއާ ދާދި އެއްކަހަލަ ބައްޓަމަކަށް އުފެދޭ މޭވާއެކެވެ. ތަފާތަކީ ދޭތީގެ ސައިޒެވެ.

ރާސްބެރީ އުފެދިފައި ހުންނަ ގޮތަށް އަލަނާސިއަކީ ވެސް ވައްތަކެއް ހުންނަ މޭވާއަކަށްވާތީ ދޭތީގެ ވެސް ބައިތައް ވަކިކުރަން ފަސޭހަ ވާނެ ކަމަށް ބުންޏެވެ.

ނަމަވެސް އެއް ބަޔަކު ބުނެފައިވާ ގޮތުގައި ވީޑިއޯ އިން ފެންނަހާ ފަސޭހަކޮށް އަލަނާސި ނޮޅަން ފަސޭހައެއް ނުވާނެ އެވެ. އަދި ވީޑިއޯ ފެންނަ އަލާނާސިއަކީ ވަރަށް ބޮޑަށް ދޮންވެ، މަޑުވެފައިވާ އަލަސާނިއެއްކަން އެނގޭ ކަމަށް ބުނެފައިވެ އެވެ.