މާބަނޑު ދުވަސްވަރު ބޯލާ އެންމެ ސިނގިރެޓަކުން ވެސް ދަރިފުޅުގެ ފުރާނަ އަށް ނުރައްކާވޭ

މާބަނޑު ދުވަސްވަރު ބޯލާ އެންމެ ސިނގިރެޓަކުން ވެސް ދަރިފުޅުގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރާ އެކު ކުއްޖާ މަރުވުމުގެ ފުރުސަތު ބޮޑުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.


ޕީޑިއޭޓްރިކް ޖާނަލްގައި ހޯމަ ދުވަހު ޝާއިއުކުރި ރިޕޯޓެއްގައި ބުނި ގޮތުގައި މާބަނޑު ދުވަސްވަރު އެއްގޮތަކަށް ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ. އެގޮތުން މާބަނޑު އިރު ސީދާ ދުންފަތުގެ އިސްތިއުމާ ކުރުމުގެ އިތުރަށް ދުންފަތުގެ އިސްތިއުމާލުކުރާ އެހެން މީހުންގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތަކުން ވެސް، ބަނޑުގައި އޮންނަ ދަރިފުޅު މަރުވުމަށް މަގުފަހިވެ އެވެ.

އެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މާބަނޑު ދުވަސްވަރު ދުވާލަކު ބޯލާ އެންމެ ސިނގިރެޓަކުން ވެސް ދަރިފުޅު މަރުވުމުގެ ފުރުސަތު ދެގުނަ ބޮޑެވެ. ހަމަމިއާ އެކު އެއަށް ވުރެ ގިނައިން ސިނގިރެޓް ބޯ ނަމަ، ދަރިފުޅުގެ މަރުވުމުގެ ފުރުސަތު ތިންގުނަ ބޮޑުވެ އެވެ.

މާބަނޑު އިރު ދުންފަތުގެ އިސްތިއުމާލުކުރާ މައިންނަށް ލިބޭ ދަރިންނަށް ކުރިމަތިވާ އިތުރު ސިއްހީ މައްސަލަތަކުގެ ތެރޭގައި، ނޭވާހިއްލުވުމާއި ފަލަވުމާއި ގިނައިރު ގަދައަށް ރުއިން ކަހަލަ މައްސަލަތައް ހިމެނެ އެވެ.

ދިރާސާ އަށް އިޝާރާތް ކުރައްވައި އެމެރިކަން ލަންގް އެސޯސިއޭޝަންގެ ތަރުޖަމާން ޑރ. ސެޑްރިކް (ޖެމީ) ރަޓްލެންޑް ވިދާޅުވި ގޮތުގައި ދިރާސާ އިން މައިގަނޑު ގޮތެއްގައި ފާހަގަކުރެވުނު ކަމަކީ މާބަނޑު އިރު ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކުރަން ހެޔޮވާރުގެ ކަމެއް ނޫން ކަމެވެ.

"މީގައި ސުވާލެއް ނޫން އެންމެ ސިނގިރެޓެއްތޯ ނޫނީ ދޭއްތޯ. މުހިއްމު ކަމަކީ ދުންފަތާ އެއްކޮށް ދުރުވުން،" އޭނާ ވިދާޅުވި އެވެ. "ދުންފަތުގެ އިސްތިއުމާލު ކުރާ މައިންބައިންގެ ދަރިންގެ ފުރާނަ ސަލާމަތް ކުރަން ބޭނުންވާ ކަމަށްވާ ނަމަ އެ ނޫން އިހުތިޔާރެއް އޮވެގެން ނުވާނެ."

ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލު ނުކުރަން ސިއްހީ ތަޖުރިބާކާރުން އަބަދު ނަސޭހަތްތެރިވާ އިރު ވެސް، އެ އަދަދު އެކަށީގެންވާ ވަރަށް ދަށެއް ނުވެ އެވެ.