ޓީބީ ބަލި ދެނެގަނެވޭނެ ނިޒާމެއް ތިނަދޫ ހޮސްޕިޓަލްގައި ގާއިމުކޮށްފި

ޓީބީ ބަލި ދެނެގަނެވޭނެ ޖީން އެކްސްޕާޓް ހިދުމަތް ހެލްތު މިނިސްޓްރީ އާއި ޑަބްލިއުއެޗްއޯ ގުޅިގެން ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ގާއިމުކޮށްފި އެވެ.


ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެ ނިޒާމު ގާއިމު ކުރުމުގެ ސަބަބުން ޓީބީ ރާއްޖޭގައި ޖެހިފައި ތިބި މީހުން ދެނެގަންނަ ނިސްބަތް އިތުރުވެގެން ދާނެ ކަމަށެވެ. ޖީން އެކްސްޕާޓްގެ ހިދުމަތް ހދ. ކުޅުދުއްފުއްޓާއި އައިޖީއެމްއެޗްގައި މީގެ ކުރިން ވަނީ ގާއިމުކޮށްފަ އެވެ.

ޖީން އެކްސްޕާޓް ސާވިސް ގދ. އަތޮޅުގައި އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބަޔަކު ބައިވެރިވަނީ. --- ފޮޓޯ: ހެލްތު މިނިސްޓްރީ

ޓީބީއަކީ ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ އެއް ބައްޔެވެ. އެ ބަލި ޖެހެނީ މައިކޯބެކްޓީރިއަމް ޓިއުބާކްލޯސިސް ކިޔާ ބެކްޓީރިއާ ނުވަތަ ޖަރާސީމަކުންނެވެ. ޓީބީ ބަލި އާންމުކޮށް ޖެހެނީ ފުއްޕާމެޔަށް ކަމަށްވިޔަސް، ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ޓީބީ ޖެހިދާނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކަނޑައެޅި 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ޓީބީ ބަލި ދެނެގަތުމުގެ ހިދުމަތް ފުޅާ ކުރުން ހިމެނެ އެވެ. އެގޮތުން ޖީން އެކްސްޕާޓް މެޝިން ރާއްޖޭގެ ދެ ސަރަހައްދެއްގައި ބެހެއްޓުމަށް ހެލްތު މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.