ޕިލްސްބަރީގެ ފުށަކުން ސަލްމޮނެއްލާގެ އަސަރު ފެނިގެން ސަމާލުވާން އަންގައިފި

އެމެރިކާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ޕިލްސްބަރީގެ ފުށުގެ ބާވަތަކުން ސަލްމޮނެއްލާގެ އަސަރު ފެނިފައިވާތީ އެކަމަށް ސަމާލުވާން އެމެރިކާގެ އެގްރިކަލްޗަ ޑިޕާޓްމަންޓުން އިލްތިމާސްކޮށްފި އެވެ.


އެތަނުން މިކަން އާންމުންގެ ސަމާލުކަމަށް ގެނައީ އެ ފުށް ތައްޔާރުކުރާ ކުންފުނި ހޯމްޓައުންޑް ފުޑް ކޮމްޕެނީން ކުރިއަށް ގެންދިޔަ އިންސްޕެކްޝަނެއްގައި ފިލްސްބަރީގެ އަންބްލީޗްޑް އޯލް ޕާޕަސް ފްލާގެ ސްޓޮކަކުން ސަލްމޮނެއްލާގެ އަސަރު ފެނިފައިވާ ކަމަށް ހާމަކުރުމާ ގުޅިގެންނެވެ.

އެގްރިކަލްޗަ ޑިޕާޓްމަންޓުން ބުނި ގޮތުގައި މައްސަލަ ހުރި ކަމަށް ފާހަގަކުރެވިފައި ވަނީ އެޕްރީލް، 19، 2020 ގެ ކުރިން ބޭނުން ކުރަން ބާޒާރަށް ނެރެފައިވާ ކޯޑް ނަމްބަރު 929 8 ސްޓޮކާއި އެޕްރީލް، 20، 2020 ގެ ކުރިން ބޭނުން ކުރަން ނެރެފައިވާ ކޯޑް ނަމްބަރު 293 8 ސްޓޮކްގަ އެވެ.

އެހެންވެ މި ދެ ކޯޑް ހުރި ޕިލްސްބަރީގެ ފުށް ވިއްކަން ހުރި ތަންތަނުން އެ ނެގުމަށާއި ފުށް ގަންނަ އިރު އެކަމަށް ސަމާލުވުމަށް ވަނީ އަންގައިފަ އެވެ. އަދި އެ ފުށް އެއްގޮތަކަށް ވެސް ކާން ބޭނުން ނުކުރަން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

އެގްރިކަލްޗަ ޑިޕާޓްމަންޓުން ބުނި ގޮތުގައި ސަލްމޮނެއްލާގެ އަސަރު ހުރި ކަމަށް ބެލެވޭ ފުށުގެ 12،185 މައްސަލައެއް މިހާތަނަށް ފާހަގަ ކުރެވިފައިވެ އެވެ.

ސަލްމޮނެއްލާއަކީ އާންމު ގޮތެއްގައި ނަޖިހުގައި އެކުލެވޭ ޖަރާސީމެކެވެ. މީގެ އަސަރުކޮށްފި ނަމަ ހުން އައިސް، ހޮޑުލައި، ބޭރަށް ހިންގުމުގެ އިތުރުން ބަނޑުގައި ރިއްސުން ކަހަލަ މައްސަލަތައް ކުރިމަތިވެ އެވެ. ވަކިން ހާއްސަކޮށް ކުޑަކުދިންނަށެވެ.