ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް ޔާމީން ގެއަށް ބަދަލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދާދިދެންމެއަކު މާފުށީ ޖަލުން ގެއަށް ބަދަލުކޮށްފި އެވެ.


ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި، ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކުރީ މިދިޔަ މަހުގެ 18ގަ އެވެ. ގެއަށް ބަދަލު ކުރި އިރު އެމަނިފާނު ގެންދެވީ އާލާސްކަންފުޅަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުންނެވެ.

ކަރެކްޝަންސް އިން ނެރުނު ބަޔާނުގައި ބުނީ ޑޮކްޓަރު ދެއްވާފައިވާ ލަފައާ އެއްގޮތަށް ޔާމީން ވަގުތީގޮތުން ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެމަނިކުފާނު ގޭބަންދަށް ބަދަލުކުރީ، ގޭބަންދުގައި ހުންނަވާއިރު އަމަލުކުރަންޖެހޭ ޝަރުތުތަކެއް ކަނޑައަޅައި އެ ކަންކަމަށް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ކުރީގެ ފަސްޓްލޭޑީ ފާތިމަތު އިބްރާހިމް އެއްބަސްވެވަޑައިގަތުމުން ކަމަށް ވިދާޅުވި އެވެ.

ރިމާންޑު ޖަލެއްގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރި ނަަމަވެސް އެމަނިކުފާނު ގިނަ ދުވަސް ހޭދަކުރައްވާފައި ވަނީ ހޮސްޕިޓަލުގަ އެވެ. މީގެ ކުރިން ތިން ފަހަރެއްގެ މަތިން އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާ ދީފައި ވެ އެވެ.

އެމަނިކުފާނަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް، އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާކުރައްވާފައިވާ ކަމަށެވެ.

ޙުސައިން އަރީފު

5

ނޮޅިވަރަމް ދާއިރާ