ޑރ. އުބައިދު އަނެއްކާ ވެސް އައިޖީއެމްއެޗަށް

ވީހާ ވެސް ގިނަ ބަޔަކަށް ޚިދުމަތް ދެއްވަން ބޭނުންވާތީ، ސާޖަރީގެ ޚާއްސަ ޑޮކްޓަރު އަބްދުﷲ އުބައިދު އަނެއްކާ ވެސް އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވަން ފައްޓަވައިފި އެވެ.


އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޑރ. އުބައިދު މީގެ ކުރިން އައިޖީއެމްއެޗުގައި މެދުކެނޑުމެއްނެތި 10 ވަރަކަށް އަހަރު މަސައްކަތް ކުރެއްވި އެވެ. އެ އަށް ފަހު، މީގެ ހަތަރު އަހަރު ކުރިން ގުޅިވަޑައިގަތީ އޭޑީކޭ ހޮސްޕިޓަލާ އެވެ.

އޭޑީކޭގައި އުޅުއްވަމުން އުބެއިދު ވަނީ ނިއުޒިލެންޑުން ހެލްތު އިންފޮމެޓިކްސް އިން މާސްޓާސް ވެސް ހާސިލް ކުރައްވައިފަ އެވެ. އޭގެ ފަހުން މީގެ އަހަރެއްހާ ދުވަސްކުރިން އޭނާ މަސައްކަތް ކުރައްވަން ފެއްޓެވީ ޓްރީ ޓޮޕް ހޮސްޕިޓަލުގަ އެވެ.

އުބެއިދު "މިހާރު" އަށް މިއަދު ވިދާޅުވީ، މެދުކެނޑުމަކަށް ފަހު، މިދިޔަ އާދިއްތަ ދުވަހު އަނެއްކާ ވެސް އައިޖީއެމްއެޗާ ގުޅިވަޑައިގަތީ ވީހާ ވެސް ގިނަ ބަޔަކަށް ޚިދުމަތް ދެއްވުމަށް ކަމަށެވެ. ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލާ އަލުން ގުޅިވަޑައިގަތުމަށް ފަހު، ޑރ. އުބައިދު އޭނާގެ ފޭސްބުކް ގައި ވިދާޅުވީ، "އަމިއްލަ ގެއަށް ދެވުނު ކަމުގެ އިހްސާސް "މިހާރު ކުރެވިފައިވާ ކަމަށެވެ.

އައިޖީއެމްއެޗްގެ ސީއީއޯ ބަންދު އިބްރާހިމް ސަލީމް (ކ) އާއި ޑރ. އުބައިދު ފޮޓޯ އަކަށް ހުއްޓި ވަޑައިގެން.

"ވީހާ ވެސް ގިނަ ބަޔަކަށް ހިދުމަތް ދީ، އޮޕަރޭޝަންތައް ކޮށްދިނުމަށް އައިޖީއެމްއެޗާ އަލުން މި ގުޅުނީ. އެކަމަކު ޓްރީ ޓޮޕްގައި ވެސް ޕާޓް ޓައިމްކޮށް ބަލި މީހުން ބަލާނަން،" އައިޖީއެމްއެޗްގެ ސީނިއާ ކޮންސަލްޓަންޓް އަދި ސާޖަރީ ޑިޕާޓްމަންޓުގެ ހެޑް އުބައިދު "މިހާރު" އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޓްރީ ޓޮޕް ހޮސްޕިޓަލަކީ ވަރަށް ފެންވަރު ރަނގަޅު ތަނެކެވެ. ނަމަވެސް އަގާ ހެދި، ފަރުވާ ދެއްވަން ބޭނުންވާ ވަރަށް ބަލި މީހުން ނުބެއްލެވޭ ކަމަށް ޑރ. އުބައިދު ވިދާޅުވި އެވެ.

"އެ ހޮސްޕިޓަލްގެ ކޮލިޓީ ދަމަހައްޓައި ހިދުމަތް ދޭ ނަމަ ޓްރީ ޓޮޕް ވަރަށް ކުރިއަށް ދާނެ،" އޭނާ ވިދާޅުވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގައި ހޭދަކުރެއްވި މުއްދަތުގައި 400-500 ސާޖަރީ ޑރ. އުބައިދު ހައްދަވާފައި ވެ އެވެ.