ދުންފަތާ ދެކޮޅަށް 50،000 މީހުންގެ ސޮއި ހޯދަނީ

އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުމަށް ގޮވާލައި މަދަނީ ޖަމިއްޔާތަކުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.


"އާންމު ތަންތާ ދުންބުރުވުމަށް އަހަރެން ދެކޮޅު" ނަމުގައި 47 ޖަމިއްޔާ އެއް ގުޅިގެން މިދިޔަ ހުކުރު ދުވަހު ސޮއިކުރަން ފަށާފައިވާ ޕެޓިޝަންގައި އޮންލައިންކޮށް ވެސް ބައިވެރިވެ އެވެ. ކާނިވާ ސަރަހައްދުގައި އެ ހަރަކާތް ފެށިއިރު ޖަމިއްޔާތަކުގެ އަމާޒަކީ އަންނަ ނޮވެމްބަރު މަސް ނިމުމުގެ ކުރިން 50،000 އެއްހާ މީހުންގެ ސޮއި ހޯދައި ރައްޔިތުންގެ މަޖިލީހަށް މަޖިލީހަށް ހުށަހެޅުމެވެ.

އޮންލައިންކޮށް ޕެޓިޝަންގައި ސޮއި ކުރާ ލިންކް--

ޕެޓިޝަން ހެދުމުގައި އިސްކޮށް އުޅޭ، މޯލްޑިވްސް ފެމިލީ ފައުންޑޭޝަންގެ ރައީސް އާފިޔާ އަބްދުލް އަޒީޒް ވިދާޅުވީ، ބޭނުމަކީ ދުންފަތުގެ ދުމުން ލިބޭ ގެއްލުންތަކުން އާންމުން ސަލާމަތް ކުރުން ކަމަށެވެ. އެ ޕެޓިޝަންގައި ބާރު އަޅާފައިވާ ކަންތައްތަކަކީ އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުމާއި ހެލްތް މިނިސްޓްރީ ޒިންމާދާރު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މިހާތަނަށް މަސައްކަތް ކުރެވެނީ ބަންދު ކޮޓަރިއެއްގައި. ޓީވީ އަކުން އިސްތިހާރެއް ދެއްކުމުގެ އިތުރުން ހޭލުންތެރި ކުރަން މަސައްކަތްތަކެއް ކޮށްފައެއް ނުވޭ. އަޅުގަނޑުމެން ބޭނުން އެކަންކަން ރަނގަޅު ކުރަން،" ގާނޫނީ ވަކީލުން ހިންގާ ޖަމިއްޔާގެ ރައީސް އާފިޔާ ވިދާޅުވި އެވެ. އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމާ ބެހޭ ގަވާއިދުގެ ދަށުން މިހާރުވެސް ގިނަ ސަރަހައްދު ތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެކެވެ. ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވައިދުގައި ބުނެ އެވެ. ނަމަވެސް އެ ގަވައިދު ތަންފީޒެއް ނުކުރެ އެވެ. މަގުތަކާއި ހިތްފަސޭހަ މައިދާންތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އާންމު ކަމެކެވެ.

އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަން ގޮވާލާ ޕެޓިޝަންގައި ސޮއިކުރަން ކާނިވާ ސަރަހައްދުގައި ބޭއްވި ހަރަކާތުގެ ތެރެއިން-- ފޮޓޯ: މޯލްޑިވްސް ފެމެލީ ފައުންޑޭޝަން

ޕެޓިޝަން މަޖިލީހަށް ހުށަހެޅުމުގެ އިތުރުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ހެލްތް މިނިސްޓްރީ ޒިންމާދާރު ކުރުމަށް ކުރިއަށް އޮތްތަނުގައި ގިނަ ކަންތައްތަކެއް ކުރާނެ ކަމަށް އާފިޔާ ވިދާޅުވި އެވެ. ގާނޫނު ތަންފީޒު ނުވަނީ ކީއްވެގެންތޯ އޮޅުން ފިލުވުމަށް އެ އިދާރާތަކާ ބައްދަލު ކުރަންވެސް މަދަނީ ޖަމިއްޔާތަކުން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތް މުޅި ރާއްޖެއަށް ފުޅާކޮށް ގިނަ ޖަމިއްޔާތައް ބައިވެރިކޮށްގެން އެކިއެކި ކަންކަން ކުރަން ރާވަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.