ސިއްހީ ޚިދުމަތް ބަލާ ކޮމިޝަނަރު އައްޔަން ކުރަން ހުރަސް އެޅީ ފިނޭންސުން!

ސިއްހީ ޚިދުމަތުގެ ފެންވަރު ކަށަވަރުު ކުރަން ގާނޫނުގެ ދަށުން އައްޔަން ކުރަންޖެހޭ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސްގެ މަގާމަށް މީހަކު އައްޔަން ނުކުރެވުނީ ފިނޭންސް މިނިސްޓްރީން ހުއްދަ ނުދިނުމުން ކަމަށްވާތީ ފިނޭންސް މިނިސްޓްރީގެ ކިބައިން އެކަން ސާފުކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ނިންމައިފި އެވެ.


ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ސިއްހީ ޚިދުމަތުގެ ފެންވަރުގެ ކަށަވަރު ކުރުމަށްޓަކައި އައްޔަން ކުރަންޖެހޭ އެ މަގާމަށް ހަތަރު އަހަރުވީއިރު ވެސް މީހަކު އައްޔަނެއް ނުކުރެ އެވެ. އެ މައްސަލަ މަޖިލީހުުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ދަނީ ބަލަމުންނެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި ހެލްތު މިނިސްޓްރީގެ ފަރާތުން މައުލޫމާތު ސާފު ކުރުމުން ހެލްތް މިނިސްޓްރީން މަޖިލީހަށް އެންގީ އެ މަގާމަށް މީހަކު އައްޔަން ކުރަން ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައި ނުވާ ކަމަށެވެ. އަދި ސީއެސްސީން ޖަވާބު ދިނީ އެ މަގާމަށް މީހަކު އައްޔަން ކުރަން ހެލްތް މިިނިސްޓްރީން އެ ކޮމިޝަންގައި އެދިފައި ނުވާ ކަމަށެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ އިއްޔެ ބައްދަލުވުުމުގައި މެމްބަރުން ވިދާޅުވީ ގާނޫނުން ލާޒިމްކުރާ މަގާމަށް މީހަކު އައްޔަން ކުރަން އެއްވެސް ފަރާތަކަށް ދެކޮޅު ހެދޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެންވެ، އެ ހުއްދަ ނުދިން ސަބަބު ފިނޭންސް މިނިސްޓްރީގެ ފަރާތުން ސާފު ކުރަން ކޮމެޓީން ނިންމި އެވެ.

މީގެ އިތުރުން ސީއެސްސީން ވެސް ޒިންމާ އަދާ ނުކޮށް އޮތް ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.

ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނު ބުނާގޮތުން ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ސިއްހީ ޚިދުމަތް ދޭ ތަންތަން ހިންގަނީ އަދި ސިއްހީ ޚިދުމަތް ދޭ މުވައްޒަފުން މަސައްކަތް ކުރަނީ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށްތޯ ކަށަވަރު ކުރުމަށާއި ސިއްހީ ފަރުވާ ދެނިކޮށް މީހަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، އެކަން ތަހުގީގު ކުރުމަކީ ވެސް ކޮމިޝަނަރުގެ ޒިންމާ އެކެވެ. އަދި އެކަންކަން ކަށަވަރު ކުރަން ބޮޑެތި ބާރުތަކެއް އެ މަގާމަށް ދީފައިވެ އެވެ.