ކެންސަރުގައި މަރުވި އަންހެންމީހާގެ މައުލޫމާތު ލިސްޓް ހެދިއިރު ނުލިބޭ: އާސަންދަ

ކެންސަރު ބަލީގައި އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި އޮއްވައި މިއަދު މަރުވި އަންހެން މީހާގެ މައުލޫމާތު، ބޭރުން އަވަސް ފަރުވާ ބޭނުން ބަލިމީހުންގެ ލިސްޓަށް ދެ ވަނަ ފަހަރަށް ބަދަލު ގެނައި އިރު ވެސް ލިބިފައިނުވާ ކަމަށް، އާސަންދައިން މިއަދު ބުނެފި އެވެ.


ދ. ހުޅުދެލީ އުމުރުން 47 އަހަރުގެ އަންހެންމީހާ މަރުވީ ޖޫން 1 ގައި އައިޖީއެމްއެޗަށް ދެއްކުމުން އޮވޭރިއަން ކެންސަރުކަން އެނގުމާ އެކު، އެޑްމިޓްކޮށްފައި އޮއްވަ އެވެ.

ރަށުގައި ހުއްޓާ ކުއްލިއަކަށް ބަނޑުގައި ރިއްސާތީ ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސް އޭނާ ދެއްކީ މެއި މަހު އެވެ. އޭނާގެ ހާލަތު ސީރިއަސްކަމުން އަވަހަށް މާލެ ގެންދަން ކުޑަހުވަދޫ ހޮސްޕިޓަލްގެ ޑޮކްޓަރުން އިރުޝާދު ދިން ނަމަވެސް މާލެ ލޮކްޑައުންގައި އޮތުމުން ހުރަސްތައް ދިމާވި އެވެ. އެންމެ ފަހުން އާއިލާ އިން އަމިއްލަ އަށް އޭނާ މާލެ ގެނެވޭވަރުވީ މެއި 30 ގައި ކަމަށް، އެނގިފައިވެ އެވެ.

އޭނާ އަށް ޖެހިފައި ވަނީ ކެންސަރުކަން އެނގުނީ ޖޫން 1 ގައި އައިޖީއެމްއެޗަށް ދެއްކުމުން ކަމަށް، އާއިލާ އިން ބުނެ އެވެ. ރާއްޖޭގައި ކުރެވެން ނެތް އޮޕަރޭޝަނަކަށް ވެފައި ވީހާވެސް އަވަހަކަށް އެ އޮޕަރޭޝަން ކުރަން އައިޖީއެމްއެޗުން ބުނުމުން އާއިލާ އިން މަސައްކަތްކުރީ، އާސަންދަ މެދުވެރިކޮށް ބޭރަށް ގެންދެވޭތޯ އެވެ.

އެކަމަކު އާސަންދައިގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު މިއަދު ވިދާޅުވީ ބޭރުން އަވަސް ފަރުވާ ބޭނުންވާ ކަމަށް އެޕްރީލް މަހު ނެގި ފުރަތަމަ ލިސްޓާއި ބޭރަށް ފޮނުވަން ޖެހޭ އެންމެ ސީރިއަސް ކޭސްތަކާ އެކު މެއި 29 ގައި އެ ލިސްޓަށް ބަދަލުގެނައި އިރު ވެސް، އެ އަންހެން މީހާގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން ފުރަތަމަ ލިސްޓު ފޮނުވައިފިން އޭޕްރިލް މަހު. ރިވިއުކޮށްފައި މެއި 29 ގައި ލިސްޓް ފޮނުވި އިރު ވެސް އެ އަންހެންމީހާ އަކީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންދިޔަ މީހެއް ނޫން. އެ ކޭސް އަޅުގަނޑުމެންނާ ހަމައަށް އައީ ޖޫން 3 ގައި،" ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ އާސަންދަ ކުންފުނީގެ އެމްޑީ މަރިޔަމް ވިދާޅުވި އެވެ.

އާސަންދައިން އިންޑިއާގެ ކޮޗިން އަށް ފޮނުވި ބަލިމީހުންގެ ފުރަތަމަ ގްރޫޕް ފުރީ ރޭގަ އެވެ. އެގޮތުން 37 މީހުންނަށް ހުއްދަ ލިބުނު ނަމަވެސް ރޭ ފުރީ 28 މީހުންނެވެ. އަންހެން މީހާގެ އާއިލާ އިން ހިތްހަމަނުޖެހުނީ ޖާގަ އޮވެ، ފޮނުވޭ ގޮތް ނުވުމުން ކަމަށް ބެލެވެ އެވެ.

އެކަމަކު އާސަންދައިން ބުނާ ގޮތުގައި، ފުރަތަމަ ހުއްދަ ދިން ލިސްޓަށް މީހުން އިތުރުކުރުމުގެ ފުރުސަތެއް ނުލިބުނެވެ.

އިންޑިއާ އާއި ސްރީ ލަންކާ ވެސް ލޮކްޑައުންގައި އޮތުމުން ވައިގެ ދަތުރުފަތުރު ވަނީ މުޅިންހެން ހުއްޓިފަ އެވެ. ހާއްސަކޮށް ދުނިޔޭގައި މި ވަގުތު އެންމެ ބާރަށް ކޮވިޑް-19 ފެތުރެމުން ދާ އިންޑިއާ އަށް އެތެރެވުމަކީ މި ދުވަސްވަރު ވަރަށް އުނދަގޫ ކަމެކެވެ.

މަރުވި އަންހެންމީހާ އަށް ބޮޑުދައިތަ ކިޔާ އަންހެނަކު، ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނާއި އަދި މާލޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ޓެގްކޮށް ލިއުނީ "މިއީ އަހަރެމެންނަށްޓަކައި ކޮށްދެވޭނެ އެންމެ އެކަށީގެންވާ މިންވަރު ކަމަށް ގަބޫލުނުކުރާ" ކަމަށެވެ.

ނަމަވެސް ފަހުން އޭނާގެ އެ ޓްވީޓްތަކެއް ނުފެނެ އެވެ.

ވީހާ ވެސް އަވަހަކަށް ފޮނުވާލެވޭތޯ ބެލިން: މަރިޔަމް

މަރިޔަމް ވިދާޅުވި ގޮތުގައި އިންޑިއާ އަށް މަދު ބަޔަކު ފޮނުވޭވަރު ވެސް ވީ ގިނަ ދުވަހެއްގެ ބުރަ މަސައްކަތަކުންނެވެ. ނަމަވެސް އޭނާ ވިދާޅުވީ އަންހެންމީހާ ވީހާވެސް އަވަހަކަށް ފޮނުވާލެވޭތޯ ވަރަށް މަސައްކަތްކުރި ކަމަށެވެ.

އަންހެންމީހާގެ ހާލު ސީރިއަސްވެ މާލެ ގެންނަން މަސައްކަތްކުރި އިރު، މަރިޔަމް ވިދާޅުވި ގޮތުގައި، ކުޑަހުވަދޫ ހޮސްޕިޓަލުން އޭނާއާ ބެހޭ ރިފެރަލްއެއް އާސަންދަ އަށް އައިސްފައެއް ނުވެ އެވެ. އޭނާ އަށް ފަރުވާދެމުން އަންނަކަން އެނގުނީ ޖޫން 3 ގައި، އައިޖީއެމްއެޗުން ކަމަށް ވެސް ވިދާޅުވި އެވެ.

"ފްލައިޓްތަކަށް މީހުން އަޅުގަނޑުމެނަކަށް ރިޕްލޭސްއެއް ވެސް ނުކުރެވޭ. ކޮންމެ މީހަކަށް ވަކި ވިސާއެއް މިދެނީ،" މަރިޔަމް ވިދާޅުވި އެވެ.

"ފުރަތަމަ ބެޗަށް ވެސް (ވިސާ) ލިބުނީ ދެ މަސް ދުވަހު މަސައްކަތްކޮށްގެން. ދެން އޮތް ލިސްޓުގައި އެ މީހާގެ ނަން އޮންނާނެ. އެކަމަކު މި ހާލަތުގައި އަޅުގަނޑުމެން ވަކި ކީއްތޯ ކުރާނީ؟"

މަރިޔަމް ވިދާޅުވީ ވީހާވެސް އަވަހަކަށް އޭނާ ބޭރަށް ފޮނުވަން އާސަންދައިން މަސައްކަތްކުރި ނަމަވެސް އޭރު ލިސްޓަށް އުނިއިތުރުކުރުމުގެ ފުރުސަތު ނުލިބުނު ކަމަށެވެ. ހުއްދަ ލިބުނު މީހުންގެ ތެރެއިން ނުވަ މީހަކު ރޭ ނުފުރީ "މި ހާލަތުގައި ދާން އަދި ބޭނުން ނުވާތީ" ކަމަށް އޭނާ ވިދާޅުވި އެވެ.