މަނަދޫން 26 މީހަކު ކަރަންޓީންކޮށްފި

ނ. މަނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާ ގާތުން ބައްދަލުވި 26 މީހެއްގެ ސާމްޕަލް ނަގައި ކަރަންޓީންކޮށްފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިރޭ ބުނެފި އެވެ.


ނޫސްވެރިންގެ ބައްދަލުވުމުގައި އެތަނުގެ ތަރުޖަމާން، ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މަނަދޫން ޕޮޒިޓިވްވި ކޭސްއާ ގުޅިގެން އެކްޓިވް ސަވައިލެންސްގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. މިހާތަނަށް އެކްޓިވް ސަވައިލެންސްގެ ގޮތުގައި 38 ސާމްޕަލް ނަގައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ސާމްޕަލްތައް މާދަމާ މާލެ ގެންނާނެ އެވެ.

މަނަދޫން ޕޮޒިޓިވްވީ ހޯމް ކަރަންޓީނަށް ފަހު ޓެސްޓު ހެދި ފިރިހެނެކެވެ. މިދިޔަ އަންގާރަ ދުވަހު ނެގި ސާމްޕަލްގެ ނަތީޖާ ލިބުނު އިރު އޭނާ ހުރީ ގެއިން ބޭރުގަ އެވެ.

ފުރަބަންދު ހޯމް ކަރަންޓީނުގައި އަމަލުކުރަން އެޗްޕީއޭ އިން ކަނޑައަޅާފައި އޮންނަ އުސޫލަކީ 14 ދުވަސް ވުމުން ސާމްޕަލް ނަގައި ނަަތީޖާ ލިބެންދެން މަޑުކުރުމެވެ. ކަރަންޓީނު ނިމުމަކަށް އަންނާނީ ސާމްޕަލް ނެގެޓިވްވުމުންނެވެ.

އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވުމުން ފުލުހުން ވަނީ އެ މީހާ ޖޫރިމަނާކޮށްފަ އެވެ. އޭނާ މިވަގުތު ހުރީ ހޯމް އައިސޮލޭޝަންގަ އެވެ. ކޮވިޑުގައި އެއް ރަށަކުން އެންމެ ގިނަ ޕޮޒިޓިވް ކޭސް މިހާތަނަށް ފެނުނު ގދ. ހޯނޑެއްދޫގައި މިހާރު ޖުމްލަ 64 ގެއެއް ކަރަންޓީންކޮށްފައިވާ ކަމަށް ނަޒްލާ ވިދާޅުވި އެވެ. އެ ރަށުން 38 މީހަކު ޕޮޒިޓިވްވެފައިވާ އިރު 100 އަށް ވުރެން ގިނަ ކޮންޓެކްޓުން ވަނީ ފެނިފަ އެވެ.

އެ ރަށުގެ ގޭގެއަށް ކުރި ޒިޔާރަތުގައި ސިމްޓޮމެޓިކް އަށް މީހުން ފާހަގަވެފައިވާ ކަމަށާއި އެ މީހުންގެ ސާމްޕަލް މާދަމާ ނަގާނެ ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ.

ހޯނޑެއްދުއާ ކޯޒްވޭއަކުން ގުޅާލާފައިވާ މަޑަވެލި ވެސް ވަނީ މޮނިޓަރިންގެ ހާލަތުގަ އެވެ. އެހެންނަމަވެސް މަޑަވެލިން ނެގި އެއްވެސް ސާމްޕަލް އެއް ޕޮޒިޓިވެއް ނުވެ އެވެ. ކޮވިޑު-19 އަށް ރާއްޖެ އިން މިހާތަނަށް ވަނީ 9،000 އަށް ވުރެން ގިނަ މީހުން ޕޮޒިޓިވްވެފަ އެވެ. މި ބަލީގައި 33 މީހަކު ވަނީ މަރުވެފަ އެވެ.