ނަޝީދު، ކޮވިޑް-19 އަށް ޓެސްޓުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކޮވިޑް-19 އަށް މިއަދު ޓެސްޓުކުރައްވައިފި އެވެ.


މިދިޔަ ޑިސެމްބަރުގައި ޗައިނާގައި ފެތުރެން ފެށި އަދި ރާއްޖެއިން ވެސް ފެނިފައިވާ ބައްޔަށް ޓެސްޓުކުރުމަށް ނަޝީދުގެ ސާމްޕަލް ނެންގެވީ ރައްޔިތުންގެ މަޖިލީހު އިދާރާގެ ތެރޭގަ އެވެ. އެމަނިކުފާނު ކޮވިޑް-19 އަށް ޓެސްޓުކުރެއްވީ، މި ފަހުން އިނގިރޭސިވިލާތަށް ދަތުރުފުޅެއް ކުރައްވާފައި ވާތީ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމާފައިވަނީ، މިދިޔަ މަހުގެ 14-19 އާ ދެމެދު އިނގިރޭސިވިލާތުން ރާއްޖެ އަށް އައި އެންމެން ވެސް ޓެސްޓް ކުރުމަށެވެ. އެގޮތަށް ނިންމީ އެ ގައުމުން ރާއްޖެ އައި ތިން ދިވެއްސަަކު، ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމުންނެވެ. އެކަމަކު އެ އެންމެން ތިބީ އައި ގޮތަށް، ކަރަންޓީންގަ އެވެ.

އެޗްޕީއޭއިން ކަނޑައެޅި މުއްދަތު ދިމާވަނީ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށް ފަހު ނަޝީދު އެނބުރި ވަޑައިގެންނެވި ދުވަހާ އެވެ.

އިނގިރޭސިވިލާތުން އައި އިތުރު ދިވެއްސަކު މިއަދު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. ރާއްޖެއިން މިހާތަނަށް ކޮރޯނާވައިރަހުން ޖައްސާ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 19 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި ހަތަރު ދިވެއްސަކު ހިމެނެ އެވެ. އެ އެންމެން ވެސް އެނބުރި އައީ އިނގިރޭސިވިލާތުންނެވެ.

ރައްޔިތުންގެ މަޖިލީހުން އޮންލައިންކޮށް ބޭއްވި ޖަލްސާގެ މިއަދުގެ ސެޝަންގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ އެ މަނިކުފާނު ހުންނެވީ ކޮވިޑް-19 އަށް ޓެސްޓުކުރަން ވަރަށް ބޮޑަށް ތައްޔާރަށް ކަމަށެވެ. އެކަމަކު އެއްވެސް އަލާމާތެއް ނުފެންނަކަމަށް ވިދާޅުވި އެވެ.