މައިލީ ސައިރަސް އާއި ލިއަމް ހެމްސްވޯތު ކައިވެނިކޮށްފި؟

އޮސްޓްރޭލިއާ އަށް ހޮލީވުޑްގެ އެކްޓަރު ލިއަމް ހެމްސްވޯތާއ އެމެރިކާގެ ލަވަކިޔުންތެރިޔާ މައިލީ ސައިރަސް ކައިވެނިކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް މީޑިއާތަކުން ބުނެފި އެވެ.


ޕީޕަލް އިން ބުނި ގޮތުގައި ދެ ތަރިން ކައިވެނިކުރި ކަމަށް ބެލެވެނީ މިދިޔަ އާދީއްތަ ދުވަހު އެވެ.

މައިލީ، 26، އާއި ލިއަމް، 28، ގެ ކައިވެނި ކުރި ކަމަށް ބުނާ ވާހަކަތައް މީޑިއާތަކަށް ތިލަވާން ޖެހުނު މައިގަނޑު ސަބަބަކީ ދެ މީހުންގެ ގާތް ރައްޓެއްސެއް ކަމަށްވާ ކޮންރެޑް ޖެކް ކާ އިންސްޓަގްރާމް ސްޓޯރީގައި ޕޯސްޓްކުރި ފޮޓޯތަކަކާ ގުޅިގެންނެވެ.

އެ ފޮޓޯތަކުގެ ތެރެއިން އެއް ފޮޓޯގެ ބެކްގްރައުންޑްގައި ފެންނަނީ ގެއެއްގެ ސިޓިންރޫމްގެ ފާރުގައި މިސްޓަ އެންޑް މިސިޒް ޖަހައިފައި ހުއްޓަ އެވެ. އެހެން ފޮޓޯއެއްގައި ފެންނަނީ ލިއަމް ޓަކްސިޑޯއެއްގައި ހުންނަ އިރު، މައިލީ ހުދު ކުލައިގެ ގައުންއެއްގައި ހުއްޓަ އެވެ. އަދި އެ ފޮޓޯގައި އިތުރު ބަޔަކު ވެސް ތިބޭތަން ފެންނަ އިރު، ކޭކަކާ އެކު ކާއެއްޗެހި މޭޒެއްގެ މަތީގައި އަތުރާފައި ހުންނަ ތަން ވެސް ފެނެ އެވެ.

އެހެންވެ އެ ފޮޓޯތަކުން ކިޔައިދޭ ވާހަކަތަކަށް ބުރަވެ މީޑިއާތަކުން ބުނަނީ މައިލީ އާއި ލިއަމްއަކީ މިހާރު ދެމަފިރިން ކަމަށް ބެލުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މައިލީ އާއި ލިއަމް ކައިވެނި ކުރި ކަމަށް ބެލެވޭ ހަފުލާގެ ތެރެއިން.

މި ދެ ތަރިން އެންމެ ފުރަތަމަ ދިމާވީ އެކުގައި ކުޅުނު ޑިޒްނީގެ ފިލްމު ދަ ލާސްޓް ސޯންގް (2010) ގެ ސެޓުންނެވެ. އަދި ދެ މީހުން ލޯބީގެ ގޮތުން ގުޅުނީ 2012 ގަ އެވެ. އޭގެ އެއް އަަހރު ފަހުން އެންގޭޖްމަންޓް އިއުލާން ކުރުމަށް ފަހު، ޖެހިގެން އައި އިރު އެންގޭޖްމަންޓް ރޫޅައިލި އެވެ.

ނަމަވެސް "އޮފް އެންޑް އޯން" ގުޅުމެއްގެ ގޮތުގައި މައިލީ އާއި ލިއަމްގެ ގުޅުން ސިފަ ކުރެވެމުން ދިޔަ އިރު، ދެ މީހުން އަލުން ސީރިއަސްކޮށް ގުޅުނީ 2016 ގަ އެވެ.

ލިއަމްގެ ކައިވެނީ ކުރި ކަމަށް ބުނާ ވާހަކަތަކުގެ އަޑު ގަދަވެފައިވާ އިރު އޭނާގެ އާ ފިލްމެއް ރިލީޒް ކުރަން ވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެއީ ފެބްރުއަރީ 14 ގައި ރިލީޒް ކުރާ "އިޒިންޓް އިޓް ރޮމޭންޓިކް؟" އެވެ.