ހޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބުނުކަން ޓައިގާ ޝްރޮފް ކަށަވަރުކޮށް ދީފި

ހޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބިފައިވާކަން ޓައިގާ ޝްރޮފް ކަށަވަރުކޮށް ދީފި އެވެ.


މުމްބާއީ މިރާ އަށް ދިން އިންޓަވިއުއެއްގައި 28 އަހަރުގެ ބަތަލު އެކަން ކަށަވަރުކޮށް ދިން ނަމަވެސް އޭނާ ވަނީ އެ ފިލްމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް އަދި ދައްކަން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ.

"އެބައޮތް ފިލްމަކުން ފުރުސަތު ލިބިފައި. އެކަމަކު އަދި މަޝްވަރާތަކުގެ ތެރޭގައި މި އުޅެނީ. އެހެންވެ އަދި ނެތް ތަފުސީލެއް ދެވޭކަށް،" މި އަހަރު ރިލީޒް ކުރި "ބާގީ 2" ގައި ވަރުގަދަ އެކްޝަން ރޯލެއް ކުޅުނު ޓައިގާ ބުންޏެވެ.

އޭނާ އަށް ހޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބިފައިވާ ވާހަކަ މީޑިއާތަކުން އެންމެ ފުރަތަމަ ރިޕޯޓްކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އޭރު ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ޓައިގާ އަށް ހޮލީވުޑްގެ ފިލްމެއް ހުށަހެޅީ "މޯޓެލް ކޮމްބެޓް" ސީރީޒްގެ ފިލްމުތައް ގެނެސް ދިން ލޯރެންސް ކެސެނޯފެވެ.

އަދި އޭނާ ވަނީ އޭރު މުމްބާއީ އަށް ދަތުރެއްކޮށް، ޓައިގާއާ ބައްދަލު ވެސްކޮށް އެވެ.

މީގެ ފަސް އަހަރު ކުރިން ބޮލީވުޑަށް ތައާރަފުވި ޓައިގާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ސްޓޫޑަންޓް އޮފް ދި އިޔާ 2" ރިތިކް ރޯޝަނާ އެކު ކުޅޭ އަދި ނަން އިއުލާންކޮށްފައި ނުވާ ފިލްމެއްގެ އިތުރުން "ބާގީ 3" އާއި ހޮލީވުޑްގެ ފިލްމު "ރާމްބޯ" ގެ ހިންދީ ރިމެކް ހިމެނެ އެވެ.

ޙުސައިން އަރީފު

5

ނޮޅިވަރަމް ދާއިރާ