"ބޮހީމިއަން ރާޕްސޮޑީ" ގެ ކާމިޔާބީ އިނގިރޭސި ޝާހީ ގަނޑުވަރުން ފާހަގަކޮށްފި

ހޯމަ ދުވަހު ބޭއްވި 76 ވަނަ ގޯލްޑެން ގްލޯބް އެވޯސްގައި ފިލްމު "ބޮހީމިއަން ރާޕްސޮޑީ" ހޯދި ކާމިޔާބީ އިނގިރޭސިވިލާތުގައި ތަފާތު ގޮތަކަށް ފާހަގަކޮށްފި އެވެ.


މި ފިލްމަކީ އިނގިރޭސިންނާ ވަރަށް ބޮޑަށް ގުޅިފައިވާ ފިލްމެކެވެ. ފިލްމު ހަދާފައި ވަނީ ކުރީގެ މަޝްހޫރު އިނގިރޭސި ރޮކް ބޭންޑް "ކްއީން" އާއި އެ ބޭންޑްގެ މައި ލަވަކިޔުންތެރިޔާ ފްރެޑީ މާކިއުރީ އަށް ކަމަށްވާތީ އެވެ. އެހެންވެ އިނގިރޭސިންނަށް ފިލްމު ވަކިން ހާއްސަ ވާނެ އެވެ.

"ބޮހީމިއަން ރާޕްސޮޑީ" ހޯދި ކާމިޔާބީ ފާހަގަކުރަން ޝާހީ ގަނޑުވަރު ބަކިންހަމް ޕެލެސްގެ ގޯތި ތެރޭގައި ޝާހީ ގާޑުންގެ ބޭންޑުން ވަނީ ފިލްމަށް ނަން ދީފައިވާ މަގުބޫލު ލަވަ "ބޮހީމިއަން ރެޕްސޮޑީ" ކުޅެފަ އެވެ.

މި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ޓްވިޓާގައި މީހަކު ހިއްސާކޮށްފައިވާ އިރު، އެއަށް 112،000 އަށް ވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ، އަދި ޝާހީ ގާޑުންގެ ބޭންޑުން "ބޮހީމިއަން ރާޕްސޮޑީ" ކުޅުމަކީ ވަރަށް "ކޫލް" ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ޝުއޫރު ފާޅުކޮށްފައިވެ އެވެ.

"މިއީ ހަމަ ޔަގީނުން ވެސް ފިލްމު ހޯދި ކާމިޔާބީ ފާހަގަކުރަން ކޮށްލި ވަރަށް ރަނގަޅު ކަމެއް،" ޓްވިޓާގައި މީހަކު ބުންޏެވެ. "މި ޓްރިބިއުޓް ވަރަށް ސަޅި."

އެހެން މީހަކު ޝާހީ ބޭންޑުން މިކޮށްލި ކަމަކުން "ގައިން ހީބިހި ނަގާފައިވާ" ކަމަށެވެ.

ވަރުގަދަ ފިލްމުތަކަކާ ވާދަކޮށްގެން ބްރަޔަން ސިންގާ ޑައިރެކްޓްކޮށްފައިވާ "ބޮހީމިއަން ރާޕްސޮޑީ" ވަނީ ގޯލްޑެން ގްލޯބްސްގެ އެންމެ މޮޅު ފިލްމުގެ އެވޯޑާއި އެންމެ މޮޅު އެކްޓަރުގެ އެވޯޑް އުފުލާލައިފަ އެވެ. މި ފިލްމުގައި ފްރެޑީ މާކިއުރީގެ ރޯލް ކުޅެފައި ވަނީ އެމެރިކާގެ އެކްޓަރު ރަމީ މާލިކެވެ.

"ބޮހީމިއަން ރެޕްސޮޑީ" ލަވައިގެ ވީޑިއޯ.

"ބޮހީމިއަން ރާޕްސޮޑީ" އަށް ވަރުގަދަ ދެ އެވޯޑް ލިބުމުން ބައެއް މީހުން ވަނީ އެވޯޑްގެ އިންސާފުވެރިކަމާ ދޭތެރޭ ސުވާލު ވެސް އުފައްދައިފަ އެވެ. އެގޮތުން ބްރެޑްލީ ކޫޕާ ކުޅެ، ޑައިރެކްޓް ކުރި "އަ ސްޓާ އިޒް ބޯން" އާއި ކްރިސްޓިއަން ބޭލްގެ "ވައިސް" ފަދަ ވަރުގަދަ ފިލްމުތަކަށް ވުރެ "ބޮހީމިއަން ރާޕްސޮޑީ" މޮޅުތޯ ގިނަ ބަޔަކު ސުވާލު އުފައްދާފައިވެ އެވެ.

އެހެންވެ ދެން އެންމެ ބޮޑަށް މިހާރު އިންތިޒާރު ކުރެވެނީ މި މަހުގެ 25 ގައި ބާއްވާ 91 ވަނަ އޮސްކާ އެވޯޑްސްގެ ނަތީޖާއަށެވެ.

ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު

3

ވިލިމާލެ ދާއިރާ