ބްރެޑް ޕިޓްގެ "ޓްރޯއި" ގެ ރޯލެއް އައިޝްވާރިޔާ ރާއީ އަށް ހުށަހެޅި

ދެހާސް ހަތަރު ވަނަ އަހަރު ރިލީޒް ކުރި ބްރެޑް ޕިޓްގެ ފިލްމު "ޓްރޯއި" ގެ ރޯލެއް ބޮލީވުޑްގެ ބަތަލާ އައިޝްވާރިޔާ ރާއީ ހުށަހެޅި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


"ޕިންކް ޕެންތާ 2" ފަދަ ހޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ބަތަލާ އަށް ބްރެޑް ޕިޓާ އެކު ކުޅެން ލިބުނު ފިލްމު ދޫކޮށްލީ އޭގައި ހިމެނޭ ގައިގޯޅި މަންޒަރުތަކެއްގެ ސަބަބުން ކަމަށް ކޮސްމޮޕޮލިޓަން އިން ބުންޏެވެ. އެ މަޖައްލާ އިން ބުނި ގޮތުގައި ވުލްފްގަންގް ޕިޓާސަން ޑައިރެކްޓްކުރި "ޓްރޯއި" ގެ ސްކްރިޕްޓް އައިޝްވާރިއާ އަށް ވަރަށް ކަމުދިޔަ ނަމަވެސް، އޭގައި ބްރެޑް ޕިޓާ އެކު ކުޅެންޖެހޭ ގައިގޯޅި ގިނަ މަންޒަރުތަކެއް ހުރުމުން އޭނާ ފިލްމަށް އެއްބަސް ނުވެ ދޫކޮށްލީ އެވެ.

ކުރީގެ ރީތީގެ ރާނީ އަށް "ޓްރޯއި" އިން ހުށަހެޅި ބްރެސީސްގެ ރޯލް ކުޅެފައި ވަނީ ރޯޒް ބަޔައިން އެވެ.

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ވިލް ސުމިތާ އެކު ކުޅެން ލިބުނު ފިލްމެއް ވެސް އައިޝްވާރިޔާ ވަނީ ކުރިން ދޫކޮށްލައިފަ އެވެ. އެއީ 2005 ގެ "ހިޗް" އެވެ.

އޭނާ ކުޅެފައިވާ ހޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ޕްރޮވޯކްޑް (2006)، މިސްޓްރެސް އޮފް ސްޕައިސް (2005) އަދި ޕްރައިޑް އެންޑް ޕްރެޖްޑައިޒް (2004) ހިމެނެ އެވެ.

"ޓްރޯއި" ގެ ޓްރެއިލާއެއް.

އައިޝްވާރިޔާ ދާދި ފަހުން ވަނީ ފިރިމީހާ އަބީޝެކް ބައްޗަންއާ އެކު "ގުބާލް ޖާމޫ" ކިޔާ ފިލްމެއް ކުޅެން ސޮއިކޮށްފައި އެ ފިލްމު ވެސް ދޫކޮށްލައިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ދެމަފިރިން ފިލްމު ދޫކޮށްލީ އޭގެ ސްކްރިޕްޓަށް ބަދަލުތަކެއް ގެންނަން އެދިގެން އެ މީހުން ބޭނުންވި ކަހަލަ ބައެއް ބަދަލުތައް އެއަށް ގެނެސްފައި ނެތުމުންނެވެ.

އައިޝްވާރިޔާ، 45، އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި ފްލޮޕް ފިލްމު "ފަނޭ ހާން" އިންނެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން މަނީ ރަތުނަމް ހަދާ ޕީރިއަޑް ޑްރާމާއެއް ވަނީ އައިޝްވާރިޔާ އަށް ހުށަހަޅައިފަ އެވެ. އަދި މީގެ ރޯލަކުން އޭނާގެ ބަފާބެ އަމީތާބް ބައްޗަން ވެސް ފެންނާނެ ކަމަށްވެ އެވެ.