ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން "ބޮހީމިއަން ރާޕްސޮޑީ" ގެ ޑައިރެކްޓަރުގެ ބަފްޓާ ނޮމިނޭޝަން ބާތިލުކޮށްފި

އާދީއްތަ ދުވަހު ބާއްވާ 72 ވަނަ ބަފްޓާ އެވޯޑްސްގައި "ބޮހީމިއަން ރާޕްސޮޑީ" އަށް ލިބުނު ހަތް ނޮމިނޭޝަނުގެ ތެރެއިން، ޑައިރެކްޓަރު ބްރަޔަން ސިންގާ ހިމެނޭ ގޮތަށް އައުޓްސްޓޭންޓިން ބްރިޓިޝް ފިލްމު ކެޓަގަރީން އެ ފިލްމަށް ލިބުނު ނޮމިނޭޝަން ވަގުތީ ގޮތުން ބާތިލުކޮށްފި އެވެ.


ބަފްޓާއިން ބުނީ މި ފިޔަވަޅު އަޅަން ޖެހުނީ ބްރަޔަންގެ މައްޗަށް މި ފަހުން އަނެއްކާ ވެސް ޖިންސީ ގޯނާގެ ތުހުމަތުތަކެއްކޮށްފައިވާތީ ކަމަށެވެ.

ދެހާސް ސަތާރަ ވަނަ އަހަރު "ބޮހީމިއަން ރާޕްސޮޑީ" ޝޫޓް ކުރަމުން ދަނިކޮށް އޭނާގެ މައްޗަށް ޖިންސީ ގޯނާގެ މައްސަލަތަކެއް ތުހުމަތު ކުރުމުން ފިލްމުގެ މަސައްކަތަށް ހާޒިރު ނުވުމުން ފިލްމުގެ ޑައިރެކްޝަނުން ވެސް ބްރަޔަން ދުރުކުރި އެވެ.

އެކަމަކު މިދިޔަ އަހަރު ފިލްމު ސިނަމާތަކަށް ގެނެސް މިދިޔަ މަހު ބޭއްވި 76 ވަނަ ގޯލްޑެން ގްލޯބްސްގެ އެންމެ މޮޅު ފިލްމުގެ މަގާމު ވެސް "ބޮހީމިއަން ރާޕްސޮޑީ" ހޯދީ ބްރަޔަންގެ ޑައިރެކްޓަރުގެ ކްރެޑިޓާ އެކުގަ އެވެ. ކްރެޑިޓް ނުދޭ ގޮތަށް ފިލްމު ނިންމައި ދިނީ ޑައިރެކްޓަރު ޑެކްސްޓާ ފްލެޗާ އެވެ.

ބްރަޔަންގެ މައްޗަށް އަލުން ތިން ފިރިހެނަކު ޖިންސީ ގޯނާގެ ތުހުމަތު ކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެކަމަކު އޭނާ ވަނީ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.

ބަފްޓާ އިން ބުނީ އައުޓްސްޓޭންޑިން ބްރިޓިޝް ފިލްމު ކެޓަގަރީން ބްޔަރަންގެ ނަން އުނި ކުރި ނަމަވެސް، އެ ފިލްމަށް ލިބުނު އަނެއް ހަ ނޮމިނޭޝަން އެ ގޮތުގައި އޮންނާނެ ކަމަށެވެ. އަދި ބްރަޔަންގެ މައްޗަށް ކުރި ތުހުމަތުން އޭނާ ބަރީއަ ވަންދެން އެ ނޮމިނޭޝަން އެގޮތުގައި އޮންނާނެ ކަމަށް ވެސް ބަފްޓާ އިން ބުންޏެވެ.

"ބޮހީމިއަން ރާޕްސޮޑީ" އަށް ނޮމިނޭޓްވި ކެޓަގަރީތަކަކީ އެންމެ މޮޅު އެކްޓަރު (ރަމީ މާލިކް)، އެންމެ މޮޅު ސިނަމޮޓޯގްރަފީ (ނިއުޓަން ތޯމަސް ސިގެލް)، އެންމެ މޮޅު އެޑިޓިން (ޖޯން އޮޓްމަން)، އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން (ޖޫލިއަން ޑޭ)، އެންމެ މޮޅު މޭކަޕް އެންޑް ހެއާ (މާކް ކޯލިއާ/ޖޭން ސެވެލް) އަދި އެންމެ މޮޅު ސައުންޑް (ޖޯން ކެސަލީ) އެވެ.

ބްރަޔަން ހިމެނޭ ގޮތަށް އައުޓްސްޓޭންޑީން ބްރިޓިޝް ފިލްމު ކެޓަގަރީ އަށް ނޮމިނޭޓްވު ފިލްމުތަކަކީ ބީސްޓް، ދަ ފެވަރިޓް، މެކްއީން، ސްޓޭން އެންޑް އޮލީ އަދި ޔޫ ވާ ނެވާ ރިއަލި ހިއާ އެވެ.

އެ ކެޓަގަރީން އޭނާގެ ނަން އުނި ކުރުމުން "ބޮހީމިއަން ރާޕްސޮޑީ" ގެނެސް ދިން ކުންފުނި ޓްވެންޓިއެތު ސެންޗަރީ ފޮކްސް އިން ވަނީ ބަފްޓާގެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށް ބުނެފަ އެވެ.

"ބޮހީމިއަން ރާޕްސޮޑީ" އަކި އިނގިރޭސިވިލާތުގެ ކުރީގެ ބޭންޑް ކްއީން އާއި އޭގެ ލީޑް ލަވަކިޔުންތެރިޔާ ފްރެޑީ މާކިއުރީގެ ވާހަކަ ކިޔައި ދިން ފިލްމެކެވެ. ގާތްގަނޑަކަށް 55 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި މި ފިލްމަށް ބޮކްސް އޮފީހުގައި 833.6 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.