ބަޖެޓްގެ މައްސަލާގައި އެއްބަސްވުމަކަށް ނާދެވިގެން "ވޯލްޑް ވޯ ޒީ" ގެ ދެވަނަ ބައި ހުއްޓުމަކަށް

ބްރެޑް ޕިޓް 2013 ގައި ކުޅުނު ފިލްމު "ވޯލްޑް ވޯ ޒީ" ގެ ދެވަނަ ބައިގެ ބަޖެޓްގެ މައްސަލާގައި ޕްރޮޑިއުސަރުންގެ މެދުގައި އެއްބަސްވުމަކަށް ނާދެވިގެން، މީގެ ޕްރި-ޕްރޮޑަކްޝަން މަސައްކަތް ހުއްޓިފައިވާ ކަމަށް ވެރައިޓީން ބުނެފި އެވެ.


އެ ނޫހުން ބުނި ގޮތުގައި ކުރިން އަންދާޒާކުރި ބަޖެޓުން ނުފުދި، އަތްނުފޯރާ ހިސާބަށް ހަރަދުތައް ހިނގައިދާނެތީ ފިލްމުގެ ޕްރޮޑަކްޝަން ޓީމުގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. މީގެ އިތުރުން ކުރިން ރޭވި ގޮތަށް ފިލްމުގެ މަސައްކަތް ނުގޮސްފާނެތީ އެކަމުގެ ބިރު ވެސް އޮތް ކަމަށްވެ އެވެ. ފިލްމުގެ ޝޫޓިން ފަށަން ނިންމާފައި ވަނީ ކުރިއަށް އޮތް ހޫނު މޫސުމުގަ އެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން ޕެރަމައުންޓުން އެއްވެސް ވާހަކައެއް އަދި ނުދައްކަ އެވެ.

"ވޯލްޑް ވޯ ޒީ" ގެ ޓްރެއިލާއެއް.

"ވޯލްޑް ވޯ ޒީ" ގެ ދެވަނަ ބައިގެ ލީޑް ރޯލް ވެސް ޕިޓް ކުޅޭ އިރު، މި ފަހަރު ފިލްމުގެ ޑައިރެކްޝަނާ ހަވާލުވެފައި ވަނީ އޭނާ ކުޅުނު "ސެވެން" އާއި "ފައިޓް ކުލަބް" ގެ ޑައިރެކްޓަރު ޑޭވިޑް ފިންޗާ އެވެ.

މާކް ފޯސްޓާ ޑައިރެކްޓް ކުރި "ވޯލްޑް ވޯ ޒީ" އަކީ ވެސް ބަޖެޓްގެ މައްސަލަ ކުރިމަތިވި ފިލްމެކެވެ. ގާތްގަނޑަކަށް 269 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަށް ބޮކްސް އޮފީހުގައި 540 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

ޕިޓްގެ ކުރިއަށް އޮތް ފިލްމަކީ ލިއޮނާޑޯ ޑި ކެޕްރިއޯ ވެސް މުހިއްމު ރޯލަކުން ފެނިގެންދާ، ޑައިރެކްޓަރު ކްއެންޓިން ޓެރެންޓީނޯގެ "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް" އެވެ. އެ ފިލްމު ސިނަމާތަކަށް އަންނާނީ ޖުލައި 26 ގަ އެވެ.