ޕަންކަޖް ތުރިޕަތީ އަށް ވެސް ހޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބިއްޖ

ބޮލީވުޑްގެ ފަންނާނަކަށް ހޮލީވުޑް ފިލްމެއްގައި މަސައްކަތްކޮށްލުމުގެ އަނެއްކާވެސް ފުރުސަތު ލިބިއްޖެ އެވެ.


"ތޯ" ކެރެކްޓާ ކުޅޭ ކްރިސް ހެމްސްވޯތުގެ ފިލްމު "ޑާކާ" އިން މި ފަހަރު ފުރުސަތު ލިބުނު އެކްޓަރަކީ ބޮލީވުޑުން މި ފަހުން ފެނުނު އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ ޕަންކަޖު ތުރިޕަތީ އެވެ. އޭނާއަކީ "އިސްތިރީ" އާއި "ބެރިލީ ކީ ބަރްފީ" އަދި "ނިއުޓަން" ފަދަ ފިލްމުތަކުގައި މޮޅު އެކްޓިންއެއް ދައްކާފައިވާ އެކްޓަރެކެވެ.

ޕަންކަޖް، 43، އަށް "ޑާކާ" އިން ފުރުސަތު ލިބުނު އިރު މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އިންޑިއާގައި މަންޒަރުތަކެއް ވެސް ނެގި މި ފިލްމުގެ ރޯލްތަކުން ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ ރަންދީޕް ހޫޑާ އާއި މަނޯޖް ބަޖްޕާއީ ވެސް ފެނިގެން ދާނެ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ޑާކާ" ގެ ވަރަށް މުހިއްމު ކެރެކްޓާއެއް ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އެކްޓަރަށް ހުށަހަޅާފައިވާ އިރު، މި ފިލްމުގެ ކުރިއަށް ޝޫޓިން ޝެޑިއުލް ތައިލެންޑްގައި ކުރިއަށް ގެންދާ އިރު، ކާސްޓާއި ކްރޫއާ އޭނާ ގުޅޭނެ އެވެ.

ނެޓްފްލިކްސް އިން ގެނެސް ދޭން ހަދާ "ޑާކާ" އަކީ ރުޒޯ ދެބޭން ކަމަށްވާ އެންތަނީ އާއި ޖޯއީ ރުޒޯ ޕްރޮޑިއުސްކޮށް، އަލަށް ޑައިރެކްޝަނަށް ނުކުތް ސޭމް ހާގްރޭވް ޑައިރެކްޓް ކުރާ ފިލްމެކެވެ.

މީގައި ކިޔައި ދޭނީ ކިޑްނެޕް ކުރާ އިންޑިއާގެ ނުފޫޒު ގަދަ ވިޔަފާވެރިއެއްގެ ފިރިހެން ދަރިއަކު ސަލާމަތް ކުރަން ކުރަން ކުރާ މަސައްކަތުގެ ތެރޭގައި ދިވާވާ ހާދިސާތަކެކެވެ. "ޑާކާ" ގެ އިތުރު ކާސްޓުން ވެސް އިންޑިއާގެ ފަންނާނުންތަކެއް ފެނިގެންދާ އިރު، މީގެ ތަރިންގެ ތެރޭގައި ޑޭވިޑް ހާބާ، ޑެރެކް ލޫކް، މާކް ޑޮނާޓޯ އަދި ފޭ މާސްޓަސަން ހިމެނެ އެވެ.

ޕަންކަޖްގެ ކުރިއަށް ހުރޮ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ދެން ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 1 ގައި ރިލީޒް ކުރާ "ލުއްކާ ޗުއްޕީ" އެވެ.