"ފޮރެސްޓް ގަމްޕް" އަކީ އާމިރު ހާންގެ "ލާލް ސިންގް ޗައްޑާ"

އާމިރު ހާން ދެން ކުޅޭނީ ހޮލީވުޑްގެ މަޝްހޫރު ފިިލްމެއް ކަމަށްވާ "ފޮރެސްޓް ގަމްޕް" ގެ ރިމޭކްކަން ކަށަވަރުކޮށް ދިނުމަށް ފަހު، ފިލްމުގެ ނަން އިއުލާންކޮށްފި އެވެ.


ބުރާސްފަތި ދުވަހު 54 ވަނަ އުފަން ދުވަސް ނޫސްވެރިންނާ އެކު ފާހަގަކުރަން ބޭއްވި ހަފުލާގައި އާމިރު ބުނީ ޓޮމް ހޭންކްސްގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ 1994 ގެ "ފޮރެސްޓް ގަމްޕް" ރިމޭކިން ރައިޓްސް ޕެރަމައުންޓް ޕިކްޗާޒް އަތުން ހޯދާފައިވާ ކަމަށެވެ. އަދި ފިލްމުގެ ނަމަކަށް ހަމަޖައްސާފައި ވަނީ "ލާކް ސިންގް ޗައްޑާ" ކަމަށް ބުންޏެވެ.

އާމިރުގެ ފިލްމު ކުންފުނި އާމިރު ހާން ޕްރޮޑަކްޝަން (އޭކޭޕީ) އާއި ވަޔަކޮމް 18 މޯޝަން ޕިކްޗާޒް ގުޅިގެން ގެނެސް ދޭން ނިންމާފައިވާ ފިލްމުގެ ޑައިރެކްޓަރަކީ 2017 ގައި ރިލީޒް ކުރި އާމިރުގެ "ސީކްރެޓް ސުޕަސްޓާ" ގެ ޑައިރެކްޓަރު އަދުވައިތު ޗަންދަން އެވެ.

"މި ފިލްމުގެ ތައްޔާރީތައް ވެސް މިހާރު އަހަރެމެން ފަށައިފިން. ކެރެކްޓާ އަށް އަހަރެން ތައްޔާރުވާން ހައެއްކަ މަސް ނަގާނެ،" އާމިރު ބުންޏެވެ. "ފޮރެސްޓް ގަމްޕަކީ އަބަދު ވެސް އަހަންނަށް ވަރަށް ކަމުދާ ފިލްމެއް. ހާއްސަކޮށް އޭގެ ސްކްރިޕްޓަށް އޮންނަ ޝައުގުވެރިކަން ބޮޑު. އަހަރެން ބުނާނީ މި ފިލްމުގެ ހިންދީ ރިމޭކް ވެސް ވާނީ އާއިލާތަކަށް ވަރަށް ވެސް ހާއްސަ ފިލްމަކަށޭ."

އިތުރު ކާސްޓުންނަކީ ކޮބައިކަން އަދި އިއުލާންކޮށްފައި ނުވާ "ލާލް ސިންގް ޗައްޑާ" ގެ ޝޫޓިން އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ފަށާނެ އެވެ. އަދި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރު އެވެ. އެކަމަކު އަދި ވަކި ތާރީހެއް ނުނިންމަ އެވެ.

"ފޮރެސްޓް ގަމްޕް" ގެ ޓްރެއިލާ.

ރޮބަޓް ޒެމެކިސް ޑައިރެކްޓްކޮށް، ހޭންކްސް، ފޮރެސްޓް ގަމްޕް ކިޔާ މީހެއްގެ ރޯލް ކުޅެފައިވާ "ފޮރެސްޓް ގަމްޕް" އަކީ ކޮމެޑީ ޑްރާމާއެކެވެ. މި ފިލްމަކީ އޮސްކާގެ 12 ކެޓަގަރީއަކުން ނޮމިނޭޓްވެ، ހަ ކެޓަގަރީއަކުން އެވޯޑް އުފުލައިލި ފިލްމެކެވެ.

އެއީ ހޭންކްސް އަށް ލިބުނު އެންމެ މޮޅު އެކްޓަރުގެ އޮސްކާ އާއި އެންމެ މޮޅު ފިލްމު، އެންމެ މޮޅު ޑައިރެކްޓަރު، ބެސްޓް އެޑަޕްޓެޑް ސްކްރީންޕްލޭ، ބެސްޓް ވިޝުއަލް އިފެކްޓްސް އަދި ބެސްޓް އެޑިޓިން އެވެ.

ފަންސާސް ފަސް މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި ޖުލައި، 6، 1994 ގައި ރިލީޒް ކުރި "ފޮރެސްޓް ގަމްޕް" އަކީ 677.9 މިލިއަން ޑޮލަރުގެ އާމްދަނީއެއް ބޮކްސް އޮފީހުގައި ހޯދި ފިލްމެކެވެ.

އާމިރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކޮށް، ބޮޑު ނާކާމީޔާބީއަކާ ކުރިމަތިލާން ޖެހުނު "ތަގްސް އޮފް ހިންދުސްތާން" އެވެ.