ޝަބާނާ އަޒްމީ އަށް ސްޓީވެން ސްޕީލްބާގްގެ ވެބް ސީރީޒަކުން ފުރުސަތު ލިބިއްޖެ

ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ސްޓީވެން ސްޕީލްބާގް ޕްރޮޑިއުސްކުރާ ވެބް ސީރީޒަކުން ބޮލީވުޑްގެ ބަތަލާ ޝަބާނާ އަޒްމީ އަށް ފުރުސަތު ލިބިއްޖެ އެވެ.


ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އިންޑިއާގެ އެންމެ ހުނަރުވެރި އަދި ތަޖުރިބާކާރު ބަތަލާއިންގެ ތެރޭގައި ހިމެނޭ ޝަބާނާ، 68، އަށް ފުރުސަތު ލިބުނީ "ހޭލޯ" ކިޔާ ނުވަ އެޕިސޯޑްގެ ވެބް ސީރީޒަކުންނެވެ. މިއީ މަޝްހޫރު ވީޑިއޯ ގޭމް "ހޭލޯ" ފްރެންޗައިޒަށް ބިނާކޮށް އޮޓޯ ބެތާސްޓް ޑައިރެކްޓް ކުރާ އެއްޗެކެވެ. އޭނާއަކީ މިދިޔަ އަހަރު ރިލީޒް ކުރި "ރޮބިން ހުޑް" ގެ ޑައިރެކްޓަރެވެ.

ހަންގާމާ އިން ބުނި ގޮތުގައި ޝޯޓައިމާއި، ސްޕީލްބާގްގެ އެމްބްލިން ޓެލެވިޝަނާއި މައިކްރޮސޮފްޓް ގުޅިގެން ހަދާ ސީރީޒްގެ ކާސްޓުންގެ ތެރޭގައި ޝަބާނާ އެކު ޕަބްލޯ ޝްރެއިބާ، ނަތާޝާ މެކްއެހޯން، ބޮކީމް ވުޑްބައިން، ބެންޓްލީ ކާލޫ، ނަތާޝާ ކަލްޒެކް އަދި ކޭޓް ކެނެޑީ ހިމެނެ އެވެ.

މީޑީއާތަކުން ބުނީ ޝަބާނާ "ހޭލޯ" ގައި ކުޅޭނީ ނޭވަލް އިންޓެލިޖެންސްް އޮފިސަރު އެޑަމިރަލް މާގްރެޓް ޕެރާންގޯސްކީގެ ރޯލު ކަމަށެވެ.

މި ޕްރޮޖެކްޓާ ބެހޭ ގޮތުން ޝަބާނާ ބުނީ އޭޝިއާގެ ބަތަލާއަކަށް މިއަށް ވުރެ ވަކި ރަނގަޅު ފުރުސަތެއް ނުލިބޭނެ ކަމަށެވެ. އަދި މިފަހަކަށް އައިސް ކުލަ އާއި ނަސްލީ ތަފާތު ކުރުން އެއްކިބާކޮށް، ހުޅަނގުން އޭޝިއާގެ ފަންނާނުންނަށް ފުރުސަތުތައް ދިނުމަކީ ކުރިއެރުމެއް ކަމަށް ބުންޏެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޝަބާނާ ބުނީ "ހޭލޯ" އަށް އެއްބަސްވީ އިންޑިއާ އިން ލިބިފައި އޮތް ދެ ޕްރޮޖެކްޓެއް ދޫކޮށްލުމަށް ފަހު ކަމަށެވެ.

ސްޓީވެން ސްޕީލްބާގް.

"އެހެންވީމާ މިއީ އަގުހުރި އެއްޗަކަށް ވާނެ،" ޅެންވެރިޔާ ޖާވިދު އަހްތަރުގެ އަންހެނުން ބުންޏެވެ.

ޝަބާނާ މީގެ ކުރިން ވެސް ހޮލީވުޑްގެ ބައެއް ފިލްމުތަކުގައި މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސިގްނޭޗާ މޫވް (2017)، ދަ ބްލެކް ޕްރިންސް (2017)، ދަ ރިލަކްޓަންޓް ފަންޑަމެންޓަލިސްޓް (2012) އަދި ސިޓީ އޮފް ޖޯއި (1992) ހިމެނެ އެވެ.

ޝަބާނާ އަށް ހޮލީވުޑްގެ އެންމެ ނުފޫޒު ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ ސްޕީލްބާގްގެ އުފެއްދުމަކުން ފުރުސަތު ލިބުނު އިރު އިންޑިއާގެ ބަތަލާ ޑިމްޕަލް ކަޕާޑިއާ މިހާރު އަންނަނީ ކްރިސްޓޮފާ ނޯލަންގެ "ޓެނެޓް" ގެ މަސައްކަތް ކުރަމުންނެވެ. އަދި ބަތަލާ ހުމާ ގްރޭޝީ އަންނަނީ ޒެކް ސްނައިޑާގެ "އާމީ އޮފް ދަ ޑެޑް" ގެ މަސައްކަތް ކުރަމުންނެވެ.

ޝަބާނާގެ "ހާލޯ" ގެ ޝޫޓިން އަންނަ މަހު ފަށަން ވަނީ ހަމަޖެހިފަ އެވެ.