ސަންޖޭ ދަތުގެ މަރާޓީ ފިލްމު "ބާބާ" އަންނަ އަހަރުގެ ގޯލްޑެން ގްލޯބް އެވޯޑްސް އަށް

ސަންޖޭ ދަތު ޕްރޮޑިއުސްކޮށް، މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި މަރާޓީ ފިލްމު "ބާބާ" އަންނަ އަހަރު ބާއްވާ 77 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސްގައި ބައިވެރިކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.


ގޯލްޑެން ގްލޯބްގެ ފޮރިން ލެންގްއޭޖް ފިލްމު ކެޓަގަރީގައި އިންޑިއާ އިން ބައިވެރިކުރާ ފިލްމަކަށް ސަންޖޭ ޕްރޮޑިއުސް ކުރި ފުރަތަމަ މަރާޓީ ފިލްމު ހަމަޖެހިގެން ދިއުމުން އޭނާ ވަނީ އެ އުފާ ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން ފިލްމުގެ ޓީމަށް މަރުހަބާ ކިޔާ ކަމަށާއި ނޮމިނޭޓްވާނެ ކަމުގެ އުންމީދު އޮތް ކަމަށް ބުންޏެވެ.

ސަންޖޭ އާއި އޭނާގެ އަންހެނުން މާންޔަތާ ދަތު ޕްރޮޑިއުސް ކުރި "ބާބާ" އަކީ ބައްޕައަކާއި ފިރިހެން ދަރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ރާޖް ގުޕްތާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ ދީޕަކް ދޮބްރިޔާލް، ނަންދިޔާ ޕަޓްކަރް، އަރިއަން މެންގްޖީ، ޗިތުރަންޖަން ގިރީ، ސްޕޫރާ ޖޯޝީ އަދި އަބިޖީތު ކަންދްކޭކަރެވެ.

ސަންޖޭ "ބާބާ" ޑެޑިކޭޓްކޮށްފައި ވަނީ އޭނާގެ ބައްޕަ އަދި ކުރީގެ އެކްޓަރު ސުނިލް ދަތަށެވެ.