ގޯވިންދާ "އެވެޓާ" ދޫކޮށްލި ވާހަކަ ބުނުމުން ޖޯކް ޖަހަނީ

މީގެ 10 އަހަރު ކުރިން ޖޭމްސް ކެމެރެން ގެނެސް ދިން ކާމިޔާބު ފިލްމު "އެވެޓާ" އިން ލިބުނު ރޯލެއް ދޫކޮށްލި ކަމަށް ބޮލީވުޑްގެ އެކްޓަރު ގޯވިންދާ ބުނުމާ ގުޅިގެން ގިނަ ބަޔަކު އޭނާ އަށް މަލާމާތް ކުރަން ފަށައިފި އެވެ.


ދާދި ފަހުން ރަޖަތު ޝަރުމާގެ "އާޕް ކީ އަދާލަތު" ޝޯގައި ގޯވިންދާ ބުނީ ފިލްމު ދޫކޮށްލީ ނުކުޅެދޭ މީހެއްގެ ރޯލް ކުޅެން ޖެހުމުގެ އިތުރަށް ކެމެރެން ބޭނުންވި ވަރަށް އޭނާ އަށް ފިލްމަށް ވަގުތު ދެވެން ނެތި އެ ފިލްމު ނިންމަން ފަސް ވަރަކަށް އަހަރު ނަގާނާނެތީ ކަމަށެވެ. އެހެންވެ ފިލްމު ނުކުޅެ ދޫކޮށްލިޔަސް، އޭނާ ދިން ނަން ފިލްމަށް ކިޔާފައިވާތީ އެއީ ބޮޑު އުފަލެއް ކަމަށް ގޯވިންދާ ބުންޏެވެ.

އޭނާގެ ގެ މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގޯވިންދާގެ ފޮޓޯ އެކި ގޮތްގޮތަށް ހަދައިގެން ވަރަށް ގިނަ މީހުން ޖޯކް ޖަހާފައިވެ އެވެ. އަދި ބައެއް މީހުން ބުނީ މިއީ ފޮނި ކެނޑިޔަސް ތަންކޮޅެއް ބޮޑުވަރު ކަމަށެވެ.

މިކަމާ ގުޅިގެން ގޯވިންދާ ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އަކީ ސޯޝަލް މީޑިއާގައި އުޅޭ މީހަކަށް ނުވާތީ މީހުން ކިޔާ އެއްޗެހި ނޭނގޭ ކަމަށެވެ. އެކަމަކު އަންހެން ދަރިފުޅު ޓީނާ އެ ވާހަކަތައް ހިއްސާކޮށްފައިވާ ކަމަށް ބުންޏެވެ.

"އަހަންނަށް އެވެޓާ ލިބުނު ކަމަށް ބުނާ ވާހަކަ ބަޔަކު ގަބޫލު ނުކުރުމަކީ މައްސަލައެއް ނޫން. އަހަންނަށް އެނގޭ އަހަރެން އައީ ކޮން ހިސާބަކުންކަން. ފަހަރުގައި ބައެއް މީހުންނަށް ހީވެދާނެ ވަރަށް އާދައިގެ މީހަކަށް އެވަރުގެ ފުރުސަތެއް ނުލިބޭނޭ،" އޭނާ ބުންޏެވެ. "އެކަމަކު ސައި ވިއްކައިގެން މަޝްހޫރުކަން ހޯދި މީހުން ވެސް އަހަރެމެންގެ ތެރޭގައި އެބަތިބި. އަދި ޓީވީ ސިލްސިލާތައް ކުޅެފައި، ބޮލީވުޑްގެ މަޝްހޫރު ތަރިންނަށް ވި މީސްމީހުން ވެސް އަހަރެމެންގެ ތެރޭގައި މަދެއް ނޫން."

ގޯވިންދާ ބުނި ގޮތުގައި "އެވެޓާ" ގެ ވާހަކަ އޭނާ ދެއްކީ ފޮނިކަނޑާކަށް ނޫނެވެ. އަދި އެ ފިލްމުން ފުރުސަތު ލިބުނު ވާހަކައަކީ ތެދު ކަމަށް ބުންޏެވެ.

"ދެން ބަޔަކު ކިޔަން ބޭނުންވާ އެއްޗެއް ކިޔާނެ. ކޮންމެ މީހަކަށް ވެސް އެ މީހެއްގެ އަމިއްލަ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނާނެ،" އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރު ބުންޏެވެ. "އެކަމަކު ކަމުގެ ހަގީގަތް ނޭނގި މީހަކު ދައްކާ ވާހަކައެއް ދޮގު ކުރުމުގެ ހައްގެއް ނޯންނާނެ."

"އެވެޓާ" ގެ ވާހަކައާ އެކު ގޯވިންދާ ވަނީ ބޮލީވުޑްގެ ނުފޫޒުގަދަ އެތައް ޑައިރެކްޓަރުންނެއްގެ ކާމިޔާބު ފިލްމުތަކެއް ދޫކޮށްލި ކަމަށް ވެސް ބުނެފަ އެވެ. އޭގެ ތެރޭގައި ޔާޝް ޗޯޕްޅާގެ "ޗާންދުނީ" އާއި ސަންޖޭ ލީލާ ބަންސާލީގެ "ދޭވްދާސް" އާއި އަނިލް ޝަރުމާގެ "ގަދަރު: އޭކް ޕްރޭމް ޚަތާ" ގެ އިތުރުން ސުބާޝް ގާއީގެ "ތާލް" ހިމެނެ އެވެ.

ގޯވިންދާ، 55، އަކީ މިހާރު ކުޅޭނެ ރަނގަޅު ފިލްމެއް ނުލިބި، ބޮލީވުޑުން ވަރަށް ބޮޑަށް ބާކީވެފައިވާ އެކްޓަރެކެވެ.

މިކަމާ ގުޅިގެން ކުރިން އެކުގައި މަސައްކަތް ކުރި ބައެއް ޑައިރެކްޓަރުންނާ އޭނާ ރުޅި ވެސް ބާލަ އެވެ. އޭގެ ތެރޭގައި ޑައިރެކްޓަރު ޑޭވިޑް ދަވަން ހިމެނެ އެވެ. އެ ދެ މީހުން 17 ފިލްމުގައި އެކީގައި މަސައްކަތްކޮށްފައިވެ އެވެ.