އެކެޑެމީގެ އާ ރައީސަކަށް ޑޭވިޑް ރުބީން

އޮސްކާ އެވޯޑް އިންތިޒާމު ކުރާ އެކެޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސެސް (އޭއެމްޕީއޭއެސް) ގެ ރައީސްގެ މަގާމަށް މަޝްހޫރު ކާސްޓިން ޑައިރެކްޓަރު ޑޭވިޑް ރުބިން އިންތިހާބުކޮށްފި އެވެ.


އޭނާ މަގާމަށް އިންތިހާބުކުރީ ކުރިން މަގާމުގައި ހުރި ޖޯން ބެއިލީގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

އެކެޑެމީގެ 35 ވަނަ ރައީސަކަށް ޑޭވިޑް އިންތިހާބުކުރުމާ އެކު އޭނާ އަށް ވަނީ ތާރީހުގެ ތެރެއިން ވެސް ހާއްސަ ޝަރަފެއް ލިބިފަ އެވެ. އެއީ ކާސްޓިން ޑައިރެކްޓަރުންގެ ތެރެއިން މިހާތަނަށް އެކެޑެމީގެ ރައީސްކަން ލިބުނު ފުރަތަމަ ފަންނާނުގެ ގޮތުގަ އެވެ. އެ މަގާމަށް އޭނާ އިންތިހާބު އިރު ފާއިތުވި ހަ އަހަރު ޑޭވިޑް ވަނީ އެކެޑެމީގެ ކާސްޓިން ޑިރެކްޓާސް ބްރާންޗްގެ ގަވަރުނަރުގެ މަގާމު އަދާކޮށްފަ އެވެ.

ޑޭވިޑަކީ ކާމިޔާބު އަދި މަޝްހޫރު އެތައް ފިލްމެއްގެ ކާސްޓިން ޑައިރެކްޓަރެވެ. ސަތޭކަ އަށް ވުރެ ގިނަ ފިލްމުތަކުގައި ކާސްޓިން ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި ޑޭވިޑްގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ދި އިންގްލިޝް ޕޭޝަންޓް"، "ގެޓް ޝޯޓީ" އަދި "މެން އިން ބްލެކް" ހިމެނެ އެވެ.

އަދި "ބިގް ލިޓްލް ލައިސް" އާއި "ގޭމް ޗޭންޖް" ފަދަ ސިލްސިލާތަކަށް ވެސް އޭނާ ކާސްޓުން ހަމަޖައްސައި ދީފައިވެ އެވެ.

އަންގާރަ ދުވަހު އިންތިހާބު ކުރި އެކެޑެމީގެ އާ ބޯޑްގެ އިތުރު މަގާމުތަކަށް ބަލާ އިރު، ދެން ހިމެނެނީ ލޮއިޒް ބާވެލް (އެވޯޑްސް އެންޑް އިވެންޓްސް ކޮމިޓީ)، ސިދް ގާނިސް (މިއުޒިއަމް ކޮމިޓީ)، ލެރީ ކެރަޒޯސްކީ (ޕްރިޒަވޭޝަން އެންޑް ހިސްޓްރީ ކޮމިޓީ)، ނޭންސީ އަޓްލީ (އެޑިއުކޭޝަން އެންޑް އައުޓްރީޗް ކޮމިޓީ)، މާކް ޖޯންސަން (ފައިނޭންސް ކޮމިޓީ)، ބޯނީ އާނޯލްޑް (މެމްބަޝިޕް އެންޑް ގަވަނަންސް ކޮމިޓީ) އެވެ.

އެކެޑެމީގެ އާ ބޯޑް އިިންތިހާބު ކުރި އިރު އަންނަ އަހަރަކީ އޮސްކާ އެވޯޑްސްގެ 91 ވަނަ ހަފުލާ ބާއްވާ އަހަރެވެ.