"ހޯމް އެލޯން" ގެ ރިބޫޓް ވާޝަން ޑިޒްނީން ހަދަނީ

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި އަދި މީގެ 29 އަހަރު ކުރިން ނެރުނު ފިލްމު "ހޯމް އެލޯން" ގެ ރިބޫޓް ވާޝަނެއް ގެނެސްދޭން ނިންމައިފި އެވެ.


އެކަމަކު ކުރިއާ ހިލާފަށް ފިލްމު ބޮޑު ސްކްރީނުން ބަލައިލުމުގެ ބަދަލުގައި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނީ ޑިޒްނީގެ ސްޓްރީމިން ސާވިސް ޑިޒްނީ+ އިންނެވެ. އެ ހިދުމަތް ރަސްމީކޮށް ފަށާނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

ޑިޒްނީ+ ގެ ހިދުމަތަށް ތައްޔާރުވުމުގެ ގޮތުން ގިނަ ކޮންޓެންޓްތަކެއް އުފައްދަމުން އަންނަ އިރު "ހޯމް އެލޯން" ގެ ރިބޫޓްވެގެން ދާނީ ބެލުންތެރިން ޔަގީނުން ވެސް ވަރަށް އިންތިޒާރު ކުރާނެ އެއްޗަކަށެވެ. ނަމަވެސް އެ ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

ޑިޒްނީން ވަނީ ސްޓްރީމިން ޕްލެޓްފޯމް މުއްސަނދި ކުރުމުގެ ގޮތުން ޓްވެންޓިއެތު ސެންޗަރީ ފޮކްސްގެ ވަރަށް ކާމިޔާޔާބު ގިނަ އުފެއްދުންތަކެއްގެ ރައިޓްސް ހޯދަން މިދިޔަ މާޗް މަހުގެ ތެރޭގައި 71 ބިލިއަން ޑޮލަރުގެ ޑީލެއް ވެސް ހަދައިފަ އެވެ. "ހޯމް އެލޯން" އަކީ އޭގެ ތެރެއިން އެކައްޗެވެ.

ޑިޒްނީގެ ސީއީއޯ ބޮބް އައިގާ ވިދާޅުވި ގޮތުގައި "ހޯމް އެލޯން" މާ ލަސްތަކެއް ނުކޮށް ބެލުންތެރިންނަށް ގެނެސްދޭނެ އެވެ. އެކަމަކު ރިބޫޓް ވާޝަނާ ބެހޭ އެއްވެސް ތަފުސީލެއް ނުދެއްވަ އެވެ.

"ހޯމް އެލޯން" ގެ ޓްރެއިލާއެއް.

"ހޯމް އެލޯން" ގެ ފަސް ފިލްމެއް ބެލުންތެރިންނަށް ގެނެސް ދީފައިވެ އެވެ. އެއީ 1990 ގެ "ހޯމް އެލޯން" އާއި 1992 ގެ "ހޯމް އެލޯން 2: ލޮސްޓް އިން ނިއު ޔޯކް" އާއި "ހޯމް އެލޯން 3" އާއި 2002 ގެ "ހޯމް އެލޯން 4: ޓޭކިން ބެކް ދަ ހައުސް" ގެ އިތުރުން 2012 ގެ "ހޯމް އެލޯން: ދަ ހޮލިޑޭ ހައިސްޓް" އެވެ.

މި ފިލްމުތަކުގެ ތެރެއިން ބެލުންތެރިންގެ އެންމެ ބޮޑު ތަރުހީބެއް ލިބުނީ މިހާރު އުމުރުން 38 އަހަރުގެ މެކޯލޭ ކަލްކިން ކުޅުނު "ހޯމް އެލޯން" ގެ ފުރަތަމަ ދެ ފިލްމަށެވެ.

"ހޯމް އެލޯން" ގައި ކިޔައި ދިނީ އާއިލާ ކްރިސްމަސް ޗުއްޓީ އަށް ޕެރިހަށް ނައްޓައިލާ އިރު، އޮޅުމަކުން 8 އަހަރުގެ ފިރިހެން ދަރިފުޅު އެކަނި ގެއަށް ދޫކޮށްލައިފައި ދިއުމުން، އޭނާ ގޭތެރޭގައި ހުރެގެން ކުރާ މަޖާ ކަންތައްތަކެކެވެ.