މައިލީ ސައިރަސް އާއި ހެމްސްވޯތުގެ ކައިވެނި ރޫޅިއްޖެ

މީގެ އަށް މަހެއްހާ ދުވަސް ކުރިން ކައިވެނިކުރި މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް އާއި އެކްޓަރު ލިއަމް ހެމްސްވޯތު ވަކިވެއްޖެ އެވެ.


ދެ ތަރިން ވަކިވިކަން ކަށަވަރުކޮށް ދެމުން މައިލީގެ ތަރުޖަމާން ބައެއް މީޑިއާތަކަށް ބުނީ މައިލީ އާއި ލިއަމް ވަކިވީ އެއީ މި ވަގުތަށް ދެ މީހުންނަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށްވާތީ ކަމަށެވެ. އަދި އެ ނިންމުމަކީ ދެ މީހުން އަމިއްލަ އަށް އެއްބަސްވެގެން ނިންމި ނިންމުމެއް ކަމަށާއި ދެ ތަރިންގެ ފޯކަސް ހުރީ ކެރިއަރަށް ކަމަށް ބުންޏެވެ.

ތަރުޖަމާން ބުނީ މައިލީ އާއި ލިއަމް ވަކިވި ނަމަވެސް ދެ މީހުން އެޑަޕްޓްކޮށްގެން ގެންގުޅުނު ޖަނަވާރުންގެ ކަމްކަމުގައި އަދިވެސް އެކީގައި ބައިވެރިވުން އޮންނާނެ ކަމަށެވެ. އަދި މި ވަގުތު އެ ދެ މީހުންގެ ޕްރައިވެސީ އަށް މީޑިއާތަކުން ވެސް އިހުތިރާމު ކުރަން އެދޭ ކަމަށް ތަރުޖަމާން ބުންޏެވެ.

މައިލީ، 26، އާއި ލިއަމް، 29 ސިއްރު ހަފުލާއެއްގައި ކައިވެނި ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ.