ކޭޓީ ޕެރީ އަށް ފިރިހެނަކު ޖިންސީ ގޯނާގެ ތުހުމަތުކޮށްފި

މި އަހަރުގެ ކުރީކޮޅު އެކްޓަރު އޮލެންޑޯ ބްލޫމްއާ އެންގޭޖްވި މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީގެ މައްޗަށް ފިރިހެނަކު ޖިންސީ ގޯނާގެ ތުހުމަތުކޮށްފި އެވެ.


އުމުރުން 34 އަހަރުގެ ލަވަކިޔުންތެރިޔާގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރީ 2010 ގައި ނެރުނު ވީޑިއޯ ލަވަ "ޓީނޭޖް ޑްރީމް" ގައި ކޭޓީއާ އެކު މަސައްކަތްކުރި މޮޑެލް/އެކްޓަރު ޖޯޝް ކްލޮސް އެވެ.

އެމެރިކާ އަށް އުފަން ޖޯޝް، 38، އިންސްޓަގްރާމްގައި ބުނެފައިވާ ގޮތުގައި އޭނާއާ ކެޓީ އެންމެ ފުރަތަމަ ބައްދަލުވީ ރައްޓެއްސެއްގެ އުފަން ދުވަހުގެ ޕާޓީއެއްގެ ތެރެއިންނެވެ. އަދި އެ ޕާޓީގެ ތެރޭގައި އޭނާގެ "ގަޔަށް" އަތްލައި، ކޭޓީގެ ރައްޓެހިންގެ ކުރިމަތީގައި އެކަން މަޖަލަކަށް ހެދި ކަމަށް ވެސް ޖޯޝް ބުންޏެވެ.

އޭގެ ފަހުން "ޓީނޭޖް ޑްރީމް" ގެ ޝޫޓިންގެ ތެރޭގައި ވެސް ކޭޓީގެ ފަރާތުން ޖިންސީ ގޯނާ އާއި ލަދު ގަންނަ ޒާތުގެ ވާހަކަތަކާ ވެސް ކުރިމަތިލާން ޖެހުނު ކަމަށް ބުންޏެވެ. އެކަމަކު އޭރު އެ ވާހަކަ ނުދެއްކީ ކޭޓީގެ ޓީމުން އެކަމަށް ހުރަސް އެޅުމުން ކަމަށް ޖޯޝް ބުންޏެވެ.

"ޓީނޭޖް ޑްރީމް" ގެ ވީޑިއޯ.

އޭނާ ބުނި ގޮތުގައި މި ވާހަކަ މިހާރު ދައްކަން ބޭނުންވި މައިގަނޑު އެއް ސަބަބަކީ ނުފޫޒާއި ބާރު އޮންނަ ފިރިހެނުންގެ ފަރާތުން ދިމާވާ ކަންކަމުގެ ވާހަކަތައް އަންހެނުން ވެސް ފާޅުގައި ދައްކާއިރު، ބާރާއި ނުފޫޒު އޮންނަ އަންހެނުންގެ ފަރާތުން ފިރިހެނުންނަށް ވެސް ގޯނާތަކާ ކުރިމަތިލާން ޖެހޭކަމަކީ ހަގީގަތެއްކަން ހާމަކޮށް ދިނުމެވެ.

އެންމެ ފަހުން ބޭއްވި "އެމެރިކަން އައިޑޮލް" ގެ ޖަޖްކަން ވެސް ކުރި ކޭޓީގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތާ ގުޅިގެން އޭނާ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. މިކަމާ ގުޅިގެން މީޑިއާތަކުން ކޭޓީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވެސް ކާމިޔާބު ނުވާ ކަމަށް ގިނަ މީޑިއާތަކުން ބުންޏެވެ.

މިދިޔަ ހަފުތާގައި ކޭޓީގެ މައްޗަށް ވަނީ ލަވައެއް ކޮފީ ކުރި މައްސަލައެއް ވެސް ސާބިތުވެ ބަދަލެއްގެ ގޮތުން ބޮޑު އަދަދެއް ވެސް ދައްކަން ޖެހިފަ އެވެ.