"ބްރޭކިން ބޭޑް" ފިލްމު އޮކްޓޯބަރުގައި ނެޓްފްލިކްސް އަށް

އޭއެމްސީން ފަސް އަހަރު ވަންދެން ގެނެސްދިން މަގުބޫލު ޓީވީ ސިލްސިލާ "ބްރޭކިން ބޭޑް" އަށް ބިނާކޮށް ހަދާ ފިލްމު އަންނަ އޮކްޓޯބަރުގައި ނެޓްފްލިކްސް އިން ގެނެސްދޭން ނިންމައިފި އެވެ.


އެ ސިލްސިލާ އަށް ބިނާކޮށް ފިލްމެއް ހަދާކަން އިއުލާންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

ނެޓްފްލިކްސް އިން ބުނި ގޮތުގައި ސީރީޒްގެ ވެސް މޭސްތިރިޔާ ވިިންސް ޖިލިގަން ޑައިރެކްޓްކުރާ ފިލްމު ނެޓްފްލިކްސް އިން ސްޓްރީމްކުރާނީ އޮކްޓޯބަރު މަހުގެ 11 އިން ފެށިގެންނެވެ.

ފިލްމަށް ދީފައިވާ ނަމަކީ "އެލް ކެމީނޯ: އަ ބްރޭކިން ބޭޑް މޫވީ" އެވެ. އަދި މީގެ ޓީޒާއެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.

ފިލްމުގެ މައިގަނޑު ޕްލޮޓް ބިނާކޮށްފައި ވަނީ ސިލްސިލާގައި އާރޮން ޕޯލް ކުޅުނު ޖެސީ ޕިންކްމޭންގެ ކެރެކްޓާއަށެވެ.

"އެލް ކެމީނޯ: އަ ބްރޭކިން ބޭޑް މޫވީ" ގައި ސިލްސިލާގައި އެންމެ ވަރުގަދަ އެއް ކެރެކްޓާ ވޯލްޓާ ވައިޓްގެ ރޯލް ކުޅުނު ބްރަޔަން ކްރޭންސްޓަން ހިމެނޭ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

"ބްރޭކިން ބޭޑް" އަކީ 2008-2013 އަށް ގެނެސްދިން ނިއޯ-ވެސްޓަން ކްރައިމް ޑްރާމާއެކެވެ. އެ މުއްދަތުގެ ތެރޭގައި އެ ސިލްސިލާގެ 62 އެޕިސޯޑް ގެނެސްދީފައިވެ އެވެ.

"ބްރޭކިން ބޭޑް" އަކީ މިހާތަނަށް ގެނެސްދިން ޓީވީ ސިލްސިލާތަކުގެ ތެރެއިން ކްރިޓިކުން މިހާތަނަށް އެންމެ ގަޔާވި ސިލްސިލާގެ މަގާމާ އެކު 2013 ގައި ދުނިޔޭގެ ރެކޯޑް ފޮތުން ވެސް ޖާގަ ހޯދި ސިލްސިލާއެކެވެ. އަދި މިއީ އެމީ އެވޯޑް ވެސް ހޯދާފައިވާ ސިލްސިލާއެކެވެ.