ހިލަރީގެ ރިޔާސީ ކެމްޕޭނަށް ނެޓްފްލިކްސްގެ ވެބް ސީރީޒެއް

އެމެރިކާގެ ކުރީގެ ރައިސް ބިލް ކްލިންޓަންގެ އަނބިކަނބަލުން ހިލަރީ ކްލިންޓަން އެންމެ ފަހުން ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބަށް ކުރެއްވި ނާކާމިޔާބު ކެމްޕޭން އަސްލަކަށް ބަލައިގެން ވެބް ސީރީޒެއް ހަދަން ނެޓްފްލިކްސް އިން ނިންމައިފި އެވެ.


"ގާލްސް އޮން ދަ ބަސް" ގެ ނަމުގައި ހަދާ މި ސީރީޒް މައިގަނޑު ޕްލޮޓް ބިނާކޮށްފައި ހިލަރީގެ ރިޔާސީ ދަތުރާ ބެހޭ ގޮތުން ނޫސްވެރިޔާ އެމީ ޝޯޒިކް މިދިޔަ އަހަރު ނެރުނު ފޮތް "ޗޭޒިން ހިލަރީ: ޓެން އިޔާޒް، ޓޫ ޕްރެޒިޑެންޝަލް ކެމްޕެއިންސް އެންޑް ވަން އިންޓެކް ގްލާސް ސީލިން" ގެ ބާބަކަށެވެ. އޭގެ މައިގަނޑު ޕްލޮޓަކީ އަންހެން ނޫސްވެރިންތަކެއް ހިލަރީ ކެމްޕޭންގެ ތެރެއިން ކުރި ތަޖުރިބާތަކެވެ.

އެ ވާހަކަަ އަށް ސީރީޒެއް ހަދަން ނިންމުމުން އެމީ ބުނީ މިއީ އޭނާގެ ކެރިއަރުގެ އެންމެ ހާއްސަ އެއް ކަންތައް ކަމަށެވެ.

މީޑިއާތަކުން ބުނިގޮތުގައި ނެޓްފްލިކްސް އިން "ޗޭޒިން ހިލަރީ" ގެ ރައިޓްސް ހޯދީ ވެސް ވަރަށް ވާދަވެރިން ބިޑިންއެއްގެ ތެރެއިންނެވެ.

"ގާލްސް އޮން ދަ ބަސް" ގެ ސްކްރީންޕްލޭގައި ވެސް އެމީ ހިއްސާވާ އިރު، އޭނާއާ އެކު މި މަސައްކަތުގައި "ދަ ވެމްޕެޔާ ޑައިރީޒް" ގެ އެކްޒެކެޓިވް ޕްރޮޑިއުސަރު ޖޫލީ ޕްލެކް ބައިވެރިވެ އެވެ.

މީގެ ކާސްޓުންނާއި ޑައިރެކްޓަރަކޯ ކޮބައި ކަމެއް އަދި ނޭނގެ އެވެ. އަދި މި ސީރިޒް ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް ވެސް އިއުލާނެއް ނުކުރެ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ހިލަރީ އަށް ނާކާމިޔާބުވީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވާދަކޮށްގެންނެވެ.