އަނޫޕަމް ކޭރްގެ އިންސްޕިރޭޝަނަކީ ހޮލީވުޑްގެ ދެ ތަރިއެއް

ހޮލީވުޑްގެ ހުނަރުވެރި ދެ އެކްޓަރުން ކަމަށްވާ ރޮބަޓް ޑި ނީރޯ އާއި އަލް ޕަޗީނޯ އަކީ އެކްޓިންގައި ކުރިއަށްދާން ލިބުނު އެންމެ ބޮޑު ހިތްވަރު ކަމަށް އިންޑިއާގެ ކުޅަދާނަ އެކްޓަރު އަނޫޕަމް ކޭރް ބުނެފި އެވެ.


ހޮލީވުޑްގެ ދެ ލެޖެންޑުން ވަރަށް ޒުވާން އުމުރުގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކުރަމުން އަނޫޕަމް ބުނީ އެކްޓިން އިން ރަސްމީކޮށް ޓްރެއިނިން ހެދުމުގެ ޝައުގާއި ހިތްވަރު ލިބުނީ ވެސް ޑި ނީރޯ އާއި ޕަޗީނޯގެ ފަރާތުން ކަމަށެވެ. އަދި އެއީ އަބަދުވެސް އިންޕިރޭޝަންތަކަކަށް ވާނެ ކަމަށް ބުންޏެވެ.

ކޮންމެ ކަހަލަ ރޯލެއް ވެސް ވަރަށް މޮޅަށް ކުޅެލާ އެކްޓަރެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ އަނޫޕަމް، 65، ވަނީ ނެޝަނަލް ސްކޫލް އޮފް ޑްރާމާގައި އެކްޓިން ކިޔަވައިފަ އެވެ. އަދި އޭނާ އަކީ އެކްޓިން ކިޔަވައިދޭ އަމިއްލަ އެކެޑެމީއެއް ވެސް ހިންގާ ފަންނާނެކެވެ.

އެކަމަށް އިޝާރާތްކޮށް ޕޯސްޓްގައި އަނޫޕަމް ބުނީ އޭނާގެ "އަނޫޕަމް ކޭރްސް އެކްޓާ ޕްރެޕެއާޒް" އަކީ ވެސް ޑި ނީރޯ އާއި ޕަޗީނާގެ ފަރާތުން ލިބުނު ހިތްވަރުން ހުޅުވި ތަނެއް ކަމަށެވެ.

ދެ ތަރިންނަށް ތައުރީފުކުރަމުން އޭނާ ވަނީ އެ ދެ މީހުންނަކީ ދުނިޔޭގެ ސިނަމާގައި އަގުހުރި ހަޒާނާތަކެއްގެ ގޮތުގައި ވެސް ސިފަކޮށްފަ އެވެ.

އުމުރުން މިހާރު 80 އަހަރުގެ ޕަޗީނޯ އަކީ ވަރަށް ކާމިޔާބު އަދި އެހާމެ މަޝްހޫރު ފިލްމުތަކެއް ކުޅެފައިވާ އެކްޓަރެކެވެ. އެގޮތުން އެންމެ މަޝްހޫރު އެއް ފިލްމަކީ "ދަ ގޯޑްފާދާ" އެވެ. ޑި ނީރޯ، 76، ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ގޯޑްފާދާ 2" އަދި "ގުޑް ފެލާޒް" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

ދެ ތަރިންނަކީ މިހާރު ވެސް ފިލްމުތަކުން ފެންނަ ދެ ތަރިންނެވެ. ޑި ނީރޯ އަކީ އަނޫޕަމްގެ ވަރަށް ގާތް ރައްޓެއްސެއް ވެސް މެ އެވެ.

އަނޫޕަމަކީ އިންޑިއާގެ މަދު އެކްޓަރުންގެ ތެރެއިން ހޮލީވުޑްގެ ޕްރޮޖެކްތައް މިހާރު ވެސް ލިބޭ އެކެކެވެ. އޭނާ ވަނީ ހޮލީވުޑްގެ ބައެއް ފިލްމުތަކާއި ޓީވީ ސިލްސިލާތައް ވެސް ކުޅެފަ އެވެ.

ބަތަލާ ކިރަން ކޭރްގެ ފިރިމީހާ ކުޅުނު ހޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ބެންޑް އިޓް ލައިކް ބެކަމް (2002)، ސިލްވަލައިނިން ޕްލޭބުކް (2012)، ބިގް ސިކް (2017) އަދި ހޮޓެލް މުމްބާއީ (2018) ހިމެނެ އެވެ.

އަނޫޕަމް އެންމެ ފަހުން ކުޅުނު ހޮލީވުޑްގެ ސިލްސިލާ އަކީ "ނިއު އެމްސްޓެޑަން" އެވެ. އޭނާ ކުޅުނު ފިލްމުތަކުގެ އަދަދު 500 އަށް އަރަ އެވެ.