ކައިވެނި ފަސްކުރަން ޖެހުމުން ޖެނިފާ ލޮޕޭޒް ހިތް ހަލާކުވެފައި

ވަރަށް ބޮޑަށް ތައްޔާރީތައްވެފައި ވަނިކޮށް ކައިވެނި ފަސްކުރަން ޖެހުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށް ޖެނިޕާ ލޮޕޭޒް ބުނެފި އެވެ.


ލަވަ ކިޔައި ފިލްމު ވެސް ކުޅޭ ފަންނާނު "ޓުޑޭ" ޝޯގައި ބުނީ އޭނާ އާއި އެންގޭޖްވެފައިވާ ލޯބިވެރިޔާ އެލެކްސް ރޮޑްގިރޭޒް މި މަހުގެ ތެރޭގައި އިޓަލީގައި ކައިވެނިކުރަން ތައްޔާރުވަނިކޮށް ކޮވިޑް-19އާ ހެދި ކައިވެނި ފަސްކުރަން ޖެހުމަކީ ގެއްލެމުއް ކަމަށެވެ. އަދި އެކަމަކާ ހިތް ހަލާކުވެފައިވާ ކަމަށް ބުންޏެވެ.

ލޮޕޭޒާއި އެމެރިކާގެ ކުރީގެ ބޭޒްބޯލް ކުޅުންތެރިޔާ ލޯބީގެ ގޮތުން ގުޅުނީ 2017 ގަ އެވެ. އަދި އެންގޭޖްވީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ.

ލޮޕޭޒް ބުނިގޮތުގައި ކައިވެންޏަށް ތައްޔާރުވަމުން ދިޔައީ ޕްރޮފެޝަނަލް ވަރަށް ގިނަ ކަންކަމުން ވަގުތު ވެސް ހުސްކޮށްގެންނެވެ. އެކަމަކު ކޮވިޑާ އެކު ހުރިހާ ކަމެއް ފެނަށް ދިޔައީ ކަމަށް ބުންޏެވެ.

"އެއީ ވަރަށް ހިތްދަތިވި ކަމެއް. އަދިވެސް އަހަރެމެން މިތިބީ ކައިވެނީގެ ހަފުލާ ބޭއްވޭނެ އިރެއް ނޭނގޭ ހާލަތެއްގައި. އެހެންވީމަ މި ވަގުތަކު އެއްވެސް ޕްލޭނެއް ނެތް،" މިދިޔަ އަހަރު "ހަޒްލާސް" އިން ފެނުނު ލޮޕޭޒް ބުންޏެވެ. "ދެން ގޮތެއް ނިންމާނީ މި ހާލަތުން އަރައިގަނެވުނު އިރެއް ކަށަވަރުވި އިރަކުން."

އޭނާ ބުނީ ބޭނުން ވަނީ ވީހާ ވެސް އަވަހަކަށް އެލެކްސްއާ ކައިވެނިކުރަން ކަމަށެވެ.

އުމުރުން 50 އަހަރުގެ ލޮޕޭޒް ކުރިން ވެސް ތިން ކައިވެންޏެއްކުރި އެވެ. އަދި އޭނާ އަށް ދެ ކުދިން ލިބުނީ އެންމެ ފަހުން ކުރި ކައިވެންޏަށެވެ. މާކް އެންތަނީ އާއި ލޮޕޭޒް 2004 ގައި ކުރި ކައިވެނި ރޫޅުނީ 2014 ގަ އެވެ.

އެލެކްސް، 44، އަކީ ވެސް ރޫޅިފައިވާ ކައިވެންޏަށް ދެ ކުދިން ލިބިފައިވާ މީހެކެވެ.