ޑިޒްނީ ޕްލަސް އިން އާ ކަސްޓަމަރުންނަށް ފްރީ ޓްރަޔަލް ހުއްޓާލައިފި

އަލަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް ޑިޒްނީ ޕްލަސް އިން ދެމުން ގެންދިޔަ ހަތް ދުވަހުގެ ފްރީ ޓްރަޔަލް ދިނުން ހުއްޓާލައިފި އެވެ.


ބައެއް މީޑިއާތަކުން ބުނި ގޮތުގައި ޑިޒްނީން މިގޮތަށް ނިންމާފައި ވަނީ އެންގުމަކާ ވެސް ނުލަ އެވެ. އަދި މިގޮތަށް ނިންމި ދުވަހެއް ވެސް ސާފުނުވާ ކަމަށް ބުންޏެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 12 ގައި ލޯންޗްކުރި ޑިޒްނީ ޕްލަސް އަކީ މިހާރު ސްޓްރީމިންގެ ހިދުމަތުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ފްލެޓްފޯމެކެވެ.

ޑިޒްނީން މިހާތަނަށް ގެންދިޔައީ އަލަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް ފީއަކާ ނުލައި ހަތް ދުވަހު، އޭގެ ކޮންޓެންޓް ބަލައިލުމުގެ ފުރުސަތު ދެމުންނެވެ. ހިދުމަތަށް ފީ ނަގަން ފަށަނީ އޭގެ ފަހުންނެވެ.

ޓެކް ޚަބަރުތައް ގެނެސްދޭ ދަ ވާޖް އަށް ޑިޒްނީ ޕްލަސްގެ ތަރުޖަމާނު ބުނީ އެ ޕްލެޓްފޯމް ތައާރަފުކުރި ފަހުން އަންނަނީ އެކި މާކެޓްތަކަށް ހާއްސަކޮށްގެން އެކި ކަހަލަ ޓެސްޓްތައް ކުރަމުން ކަމަށެވެ. އަދި ޑިޒްނީ ޕްލަސް އަބަދު ވެސް ބޭނުން ވަނީ ކަސްޓަމަރުން އުފާވާ އަދި ހިތްހަމަޖެހޭ ކަހަލަ ހިދުމަތެއް ދޭން ކަމަށް ބުންޏެވެ.

ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޑިޒްނީ ޕްލަސް އިން ފްރީ ޓްރަޔަލް ހުއްޓާލާފައި ވަނީ ވަރަށް ގިނަ ބަޔަކު އެ ޕްލެޓްފޯމްގެ ބްރޯޑްވޭ މިއުޒިކަލް "ހެމިލްޓަން" އަށް އިންތިޒާކުރަމުން ދަނިކޮށެވެ. އެހެންވެ މިއީ ބައެއް ކަސްޓަމަރުންނަށް މާޔޫސް ކަމަކަށް ވާނެ އެވެ. އެ ބަލަން ބޭނުން ނަމަ ދެން އޮންނާނެ ގޮތަކީ ފީ ދައްކައިގެން ކުރިއަށް ދިއުމެވެ. "ހެމިލްޓަން" ގެނެސްދޭން ނިންމާފައި ވަނީ އަންނަ މަހުގެ 3 ގަ އެވެ.

ޑިޒްނީ ޕްލަސްގެ މަހު ފީ އަކީ 6.99 ޑޮލަރެވެ. އެ ބޭނުންކުރާ މީހުންގެ އަދަދު މިހާރު 54.4 މިލިއަނަށް އަރަ އެވެ.

ޑިޒްނީ ޕްލަސް އިން އެ ކުންފުނީގެ ގަރުނެއްހާ ދިހު ތާރީހުގެ މުއްސަނދި ކޮންޓެންޓް ބަލައިލެވޭނެ އެވެ. މީގެ ތެރޭގައި ސީދާ އެ ސްޓޫޑިއޯގެ ފިލްމުތަކާއި މާވެލް ސްޓޫޑިއޯސް އާއި "ސްޓާ ވޯސް" ގެނެސްދޭ ލޫކަސް ފިލްމްސްގެ އުފެއްދުންތަކާއި ޕިކްޒާ، ޓްވެންޓިއެތު ސެންޗަރީ ފޮކްސް އަދި ނެޝަނަލް ޖޯގްރިފިކްގެ ކޮންޓެންޓްގެ އިތުރުން ސީދާ ޑިޒްނީ ޕްލަސް އަށް ހާއްސަކޮށްގެން ގެނެސްދޭ އޮރިޖިނަލް އެތައް ކޮންޓެންޓެއް ހިމެނޭނެ އެ އެވެ.