"ބެޓްމޭން" ސީރީޒްގެ ފިލްމުތަކެއް ގެނެސްދިން ޑައިރެކްޓަރު ޖޯލް ޝުމެކާ މަރުވެއްޖެ

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި "ބެޓްމޭން" ސީރީޒްގެ ފިލްމުތަކެއް ގެނެސްދިން ޑައިރެކްޓަރު ޖޯލް ޝުމެކޭ މަރުވެއްޖެ އެވެ.


އޭނާގެ ތަރުޖަމާނާ ހަވާލާދީ މީޑިއާތަކުން ބުނި ގޮތުގައި ޖޯލް، 80، މަރުވީ ކެންސަރު ބަލީގައި އުޅޭތާ އަހަރެއްހާ ދުވަސް ފަހުން ހޯމަ ދުވަހުގެ ވަގުތެއްގަ އެވެ. އޭނާގެ މަރުގެ ޚަބަރާ އެކު ހޮލީވުޑްގެ ފަންނާނުން ޓްވިޓާގައި ހިތާމަފާޅުކޮށް، ޖޯލްގެ ބައެއް ހަނދާންތައް ވެސް އާކޮށްފައިވެ އެވެ.

ޖޯލް ފާހަގަކުރެވިފައި ވަނީ ވަރަށް ސްޓައިލިޝްކޮށް ފިލްމުތައް ގެނެސްދިން ކުޅަދާނަ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އެމެރިކާގެ ނިއު ޔޯކަށް އުފަން ޖޯލް ޑައިރެކްޓްކުރި ބެޓްމޭން ސީރީޒްގެ ފިލްމުތަކުގެ ތެރޭގައި 1995 ގެ "ބެޓްމޭން ފޯއެވާ" އާއި 1997 ގެ "ބެޓްމޭން އެންޑް ރޮބިން" ހިމެނެ އެވެ.

ޖޯލް ޑައިރެކްޓްކުރި މަޝްހޫރު އަދި އެހާމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި 1980 ގެ "އެސްޓީ އެލްމޯސް ފަޔާ" އާއި 1987 ގެ "ދަ ލޮސްޓް ބޯއިސް" ގެ އިތުރުން 1990 ގެ "ފްލެޓްލައިނާޒް" ހިމެނެ އެވެ.

އޭނާ ވަނީ އެމެރިކާގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޖޯން ގްރިޝަމްގެ ބައެއް ވާހަކަތަކަށް ވެސް ފިލްމު ހަދައިފަ އެވެ. އޭގެ ތެރޭގައި "ދަ ކްލައިންޓްސް" އާއި "އަ ޓައިމް ޓު ކިލް" ހިމެނެ އެވެ.

ޖޯލް އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2011 ގެ "ޓްރެޒްޕާސް" އެވެ.

އޭނާ އަކީ ހޮލީވުޑްގައި މަޝްހޫރުކަން ބައެއް އެކްޓަރުންގެ ކެރިއަރު ކޮޅަށް ޖަހައިދިނުމުގައި ވެސް މުހިއްމު ރޯލެއް އަދާކުރި ޑައިރެކްޓަރެކެވެ. އޭގެ ތެރޭގައި ކޮލިން ފެރެލް އާއި ކީފާ ސަދަލަންޑް އަދި މެތިއު މެކާނަހީ ހިމެނެ އެވެ.