ރޮކްގެ އާއިލާ ކޮވިޑް-19 އަށް ޕޮޒިޓިވް

ރޮކްގެ ނަމުން މަޝްހޫރު ހޮލީވުޑްގެ އެކްޓަރު ޑްވޭން ޖޯންސަން އާއި އާއިލާގެ އިތުރު ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަން ފަށައިފި އެވެ.


މިކަން ސޯޝަލް މީޑިއާގައި ހާމަކުރަމުން، ހޮލީވުޑްގައި މި ވަގުތު ހުރި އެންމެ ބޮޑު އާމްދަނީއެއް ލިބޭ 48 އަހަރުގެ އެކްޓަރު ބުނީ އޭނާގެ އަންހެނުން ލޯރެން ހާޝިއަން، 35، އާއި ހަގު ދެ ދަރިން ކަމަށްވާ ޖޭސްމިން، 4، އާއި ޓިއާނާ، 2، އަށް ކޮރޯނާވައިރަސް ޖެހުނީ މީގެ ދެ ހަފުތާ ކުރިން ކަމަށެވެ. އަދި އެކަން ދިމާވީ ވަރަށް ގާތް އާއިލާގެ ރައްޓެހިންތަކެއްގެ ފަރާތުން ކަމަށް ބުންޏެވެ.

މިކަން ހާމަކޮށް އިންސްޓަގްރާމްގައި ރޮކް އާންމުކުރި ވީޑިއޯއެއްގައި ބުނީ މިއީ އާއިލާ އަށް ކުރިމަތިވި ވަރަށް އުނދަގޫ އަދި ގޮންޖެހުން ބޮޑު ވަގުތެއް ކަމަށެވެ. ނަމަވެސް ކޮވިޑް-19 އަށް ޕޮޒިޓިވް އާއިލާގެ އެއްވެސް މެމްބަރެއްގެ ހާލު ގޯސް ނޫން ކަމަށާއި އެންމެން ތިބީ ހެޔޮ ހާލުގައި ކަމަށް ބުންޏެވެ.

ރޮކް ބުނީ ބަލިން އަރައިގަނެވޭނެ ކަމަށާއި އެންމެން ވެސް ވަރަށް ހިތްވަރު ގަދަ ކަމަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކުރި ވީޑިއޯއާ އެކު ރޮކް ވަނީ އެ ބަލިން ރައްކާތެރިވެ ތިބުމަށް އާންމުން ސަމާލުކަން ދޭންވީ މުހިއްމު ކަންތައްތަކެއް ވެސް މެސެޖެއްގެ ގޮތުގައި ފޮނުވައިފަ އެވެ. އެގޮތުން ސާފުތާހިރުކަމަށް އިސްކަން ދިނުމާއި މާސްކް އެޅުމާއި އާއިލާގެ މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމާއި ސިއްހަތަށް ބަލައިގެން އުޅުމާއި ގެއަށް ޒިޔާރަތްކުރާ މީހުންނާ ދޭތެރޭ ހާއްސަ ސަމާލުކަމެއް ބެހެއްޓުމާއި ޕޮޒިޓިވްކޮށް ވިސްނަން ޖެހޭ ކަމަށް ބުންޏެވެ.