ރިއާނާގެ ޑޮކިއުމަންޓަރީއެއް އަންނަ އަހަރު އެމެޒޯން އަށް

ޑޮކިއުމަންޓަރީ ސްޓްރީމްކުރާނެ ކަމަށް ބެލެވެނީ ޖުލައި 4، 2021 ގައި

މަޝްހޫރު ލަވަކިޔުންޔެރިޔާ ރިއާނާގެ ދިރިއުޅުން ދައްކުވައިދޭ ޑޮކިއުމަންޓަރީއެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.


މިކަން ކަށަވަރުކޮށްދެމުން ޑައިރެކްޓަރު ޕީޓާ ބާގް ކޮލައިޑާ އަށް ބުނީ ޑޮކިއުމަންޓަރީއެއް ހެދުމުގެ މަސައްކަތް، ކާމިޔާބު ލަވަކިޔުންޔެރިޔާއާ އެކު ކުރިއަށް ގެންދާތާ މިހާރު ހަތަރު އަހަރުވެއްޖެ ކަމަށެވެ. އަދި މިހާރު އެ މަސައްކަތް އޮތީ ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި ކަމަށްވާތީ އަންނަ އަހަރުގެ ހޫނު މޫސުމުގައި އެމެޒޯން ޕްރައިމް ވީޑިއޯ މެދުވެރިކޮށް ޑޮކިއުމަންޓަރީ ގެނެސްދޭނެ ކަމަށް ބުންޏެވެ.

ޕީޓާ ބުނި ގޮތުގައި ޑޮކިއުމަންޓަރީ ސްޓްރީމްކުރާނެ ކަމަށް ބެލެވެނީ ޖުލައި މަހުގެ 4 ގަ އެވެ.

ޕީޓާ އަކީ 2012 ގައި ރިއާނާ މުހިއްމު ރޯލެއް ވެސް ކުޅުނު ސައިންސް ފިކްޝަން/އެކްޝަން ފިލްމު "ބެޓްލްޝިޕް" ގެ ޑައިރެޓަރެވެ. އޭނާ ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި "ހޭންކޮކް" އާއި "ދަ ލޫޒާސް" އާއި "ޑީޕް ވޯޓާ ހޮރައިޒަން" އަދި "ޕެޓްރިއަޓްސް ޑޭ" ހިމެނެ އެވެ. ޕީޓާގެ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މާޗް މަހު ރިލީޒްކުރި "ސްޕެންސާ ކޮންފިޑެންޝަލް" އެވެ.

ރިއާނާ، 32، ގެ ޑޮކިއުމަންޓަރީއާ ބެހޭ ގޮތުން ޕީޓާ ބުނީ ހުނަރުވެރި ލަވަކިޔުންތެރިއެއްގެ އިތުރުން މިހާރު ނުފޫޒު ގަދަ ވިޔަފާވެރިއެއްގެ ގޮތުގައިި ވެސް މަޝްހޫރު ރިއާނާގެ ވާހަކަ އަކީ ވަރަށް ޝައުގުވެރި އަދި އެހާ އިންސްޕަޔަރިންގެ ވާހަކަތަކެއް ކަމަށެވެ. އެހެންވެ އޭނާގެ ޑޮކިއުމަންޓަރީ ވެގެންދާނީ މީގެ ކުރިން ރިއާނާއާ ބެހޭ ގޮތުން އާންމުންނަށް ނޭނގޭ އެތައް ކަމެއް އެނގިގެން ދާނެ އެއްޗެއް ކަމަށް ބުންޏެވެ.

ޕީޓާ ވަނީ ކުރިން ވެސް މިއުޒިކް ދާއިރާގެ މަޝްހޫރު ޝަހުސިއްޔަތެއްގެ ޑޮކިއުމަންޓަރީއެއް ގެނެސްދީފަ އެވެ. އެއީ މީގެ ތިން އަހަރު ކުރިން މަރުވި އެމެރިކާގެ ރޮކް ބޭންޑް "ސައުންޑްގާޑެން" ގެ ލަވަކިޔުންތެރިޔާ ކްރިސް ކޯނެލްގެ ޑޮކިއުމަންޓަރީ އެވެ.